ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު: 2007/5) އަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/8) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 13/2008) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު (ޤާނޫނު ނަންބަރު: 2007/5) އަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ މި ބިލަކީ 2020 ސެޕްޓެންބަރު 06 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

Ad
rt

މި އިޞްލާޙާއިއެކު ސިވިލް ސަރވިސް ކޮމިޝަނާއި، އެ ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރައްވައިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ކޮމިޝަނުގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިޞްލާޙުގައި ބާރުއަޅާފައިވެއެވެ.

މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބުތަކާއި، އިތުރު ވަޒީފާ އަދާކުރުން މަނާކުރުމާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކާއި ގުޅޭ އުޞޫލުތައް މި އިޞްލާޙުގައި ބަޔާންކުރައްވާފައިވެއެވެ. އަދި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް ވެސް މި އިޞްލާޙުގައި އިތުރުކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/8) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ މި ބިލަކީ 2020 ސެޕްޓެންބަރު 06 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙާއިއެކު، ކޮމިޝަނުގެ ރައީސާއި މެންބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އަދި ނުފޫޒެއްނެތި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް ކުރިއަށްވުރެ ބޮޑަށް މި އިޞްލާޙުގައި ބާރުއަޅައި، މި ކަމަށް ޙާއްޞަ ކުރައްވައިގެން މާއްދާއެއް އިތުރުކޮށްފައިވެއެވެ. ހަމައެއާއެކު، ކޮމިޝަންގެ ޖަމާޢީ ސުލޫކީ ހަމަތަކަށާއި، މެންބަރުންގެ ޒާތީ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް މި އިޞްލާޙުގައި ބާރުއަޅައެވެ.

މީގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާނުކުރުމަށާއި، މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް މި އިޞްލާޙުގައި ބާރުއަޅައެވެ. މިގޮތުން، ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތައް ތަފުސީލުކޮށް މި އިޞްލާޙުގައި ފާހަގަކޮށްފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މި ސެޕްޓެންބަރު މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާހުގައި ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއިއެކު ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. ހަމަ އެހެންމެ، ކޮމިޝަނުގެ މެންބަރުންގެ މަޤާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާޢީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިޞިއްޔަތާއި ފަރުދީ ހައިޞިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ކޮމިޝަނުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމާއި، އަދި މަޞްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބާރުއަޅާ މާއްދާތައް ބިލުގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި 3 ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި 2 ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.