ރައްޔިތުންގެ އިއްތިޙާދުގައި ހިމެނޭ 26 ޖަމްޢިއްޔާއިން މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ފަށާފައިވާ އެމް.ޑީ.އެން އާއި އުތެމަގެ މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ އާއި މިހާތަނަށް ކުރިއަށް ގޮސްފައިވާ ތަޙްޤީޤީ ތަފްޞީލުތައް ލިޔުމަކުން ހޯދުމަށް އެދި އްޖެ އެވެ.

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ލާދީނީ ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި އެ ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލައިގެ ތަހުގީގު މިހާރު އޮތް ހިސާބެއް ސާފުކޮށް ދިނުމަށް ރައްޔިތުންގެ އިއްތިހާދުން އެދިފައިވަނީ މިއަދު އެވެ.

Ad
rt

ރާއްޖޭގެ 26 ޖަމިއްޔާއެއް އެކުވެގެން އުފައްދާފައިވާ "ރައްޔިތުންގެ އިއްތިހާދުން" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލަ އާއި ގުޅިގެން އެ އިއްތިހާދުން ޕްރޮސެކިއުޓަރު ޖެނެރަލްއާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ޕީޖީ ލަފާ ދެއްވާފައިވަނީ ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ސާފުކުރުމަށްޓަކައި ފުލުހުންނަށް ލިޔުމަކުން ހުށައަޅައިގެން ހޯދުމަށްފަހު ފުލުހުންގެ ފަރާތުން ލިބޭ ޖަވާބާއި ލިޔެކިޔުމާއެކު އަލުން މައްސަލަ ޕީޖީއަށް ހުށައެޅުމަށް ކަމަށެވެ.

އެހެން ކަމުން އެމްޑީއެން އާއި އުތެމަ މައްސަލަ މިހާރު އޮތް ހިސާބު ސާފުކޮށް ދިނުމަށާއި މިހާތަނަށް ސުވާލު ކުރެވިފައިވަނީ ކޮންކޮން ބަޔަކާތޯ އަދި ތަހުގީގު ގޮސްފައިވާ ހިސާބުގެ ތަފްސީލް ލިޔެކިޔުމުން އަންގައިދިނުމަށް ވަނީ އެދިފައެވެ.

އެމްޑީއެން އުވާލި ނަމަވެސް އެ ޖަމާއަތުގައި ތިބެ، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ސަރުކާރުގެ ނިންމުމަށް ގޮންޖަހާ އެ ޖަމިއްޔާއިން އަދިވެސް ދަނީ ބަޔާންތައް ނެރެމުންނެވެ.