އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގުމަގުކޮށް ނިންމާލާފައިވާއިރު ކަރަންޓު ޚިދުމަތްދިނުމަށް ފެނަކާގައި ބޭނުންކުރާ ހަރުމުދަލުގެ އަގު 2.1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ހާމަކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން އެކުލަވާލެވުނު އެސެޓް ވެލުއޭޝަން ރިޕޯޓް ފެނަކަ ކޯޕަރޭޝަންއާއި ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

Ad
rt

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ ފެނަކަ ކުންފުނި އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރުމަށް ކުންފުނީގައި ހުރި ހަރުމުދަލުގެ އަގު ދެނެގަތުމަކީ މުހިއްމު ކަމެއްކަމަށެވެ. އެގޮތުން ބޭރުގެ އެހީތެރިކަމަށް އެދޭއިރުގަޔާއި ލޯނު ހަމަޖެއްސުމަށް ކުންފުނީގެ މާލީ ޙާލަތު އެނގެންޖެހޭކަމަށެވެ. އަދި އެކުންފުނި އުފައްދައި ރާއްޖޭގެ ޔޫޓިލިޓީގެ ޚިދުމަތްތައް ފެނައިގެ ދަށަށް ބަދަލުކޮށްފައިވާއިރު މިދިޔަ 8 އަހަރުތެރޭގައި އެކުންފުނީގައި ހުރީ ކިހާ މުދަލެއްކަމެއް އެނގެން ނެތްކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން އިތުރަށް ވިދާޅުވެފައިވަނީ ފެނަކައިގެ އެސެޓް ވެލިއު އިނގެން ނެތުމުގެ ސަބަބުން ކުންފުނި ހަރުދަނާކުރުމަށް ލޯނުދޭ ފަރާތްތަކުން ލޯނުދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. މި މަސައްކަތާއި ގުޅިގެން އެ ދަތިތަކަށް ނިމުމެއް އަންނާނެކަމަށް ޤާބޫލް ކުރައްވާ ކަމަށާއި އަދި މި މަސައްކަތަކީ ކުންފުނީގެ ކުރިއެރުމަށް މުހިން މަސައްކަތެއް ގޮތުގައި މިނިސްޓަރ ފާހަގަ ކުރައްވާފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، މިހާރު އަގުމަގުކޮށް ނިމިފައިވަނީ އެކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ މުދަލުގެ އަގުކަމަށާއި ކުރިއަށް އޮތް 6 ވަރަކަށް މަހުގެ ތެރޭގައި އެކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމުގައި ބޭނުންކުރާ މުދަލުގެ އަގުދެނެގަތުމުގެ މަސައްކަތްނިމޭނެކަމަށެވެ.

މި މަސައްކަތާއި ގުޅިގެން ފެނަކައަށް ޕޮރޮޖެކްޓްތައް ހޯދުމަށް ފަސޭހަވެގެން ދާނެ ކަމުގައި އެ ކުންފުނިން ޤަބޫލް ކުރައްވައެވެ. ފެނަކައިން މިހާރުވެސް އަންނަނީ ރާއްޖޭގެ 152 ރަށަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ތެޔޮ އަންދައިގެން ހަކަތަ އުފައްދަމުން އަންނަ ރާއްޖެއަކީ ކަރަންޓުގެ ޚިދުމަތްދިނުމަށް ބޮޑު ހޭދައެއް ކުރާ ޤައުމެކެވެ. މިގޮތުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ކޮންމެ އަހަރަކު ވެސް ކަރަންޓް އުފެއްދުމަށް ރާއްޖެއިން ހަރަދުކުރެއެވެ.