އިގިރޭސި ޕްރިމިއާ ލީގުގެ 2020/21 އައު ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑުގައި ކުރިސްޓަލް ޕަލަސްއާއި ވާދަކޮށް ޔުނައިޓެޑް ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ކްރިސްޓަލް ޕަލަސްއިން ލަނޑުޖަހައި މެޗުގެ ލީޑުވަނީ ނަގާފައެވެ. މެޗުގެ 7 ވަނަ މިނެޓުގައި އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓައުންސެންޑެވެ. މި ލަނޑަކީ އެ ޓީމުގެ މިޑްފީލްޑް ކުޅުންތެރިޔާ ޖެފްރީ ޝްލުޕްގެ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ކްރިސްޓަލް ޕަލަސް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޔުނަޓެޑުން ކުޅުނު ނަމަވެސް 74 ވަނަ މިނެޓުގައި ލަނޑުޖަހައި ކްރިސްޓަލް ޕަލަސްއިން މެޗުގެ ނަތީޖާވަނީ 2-0 އަށް ބަދަލު ކޮށްލާފައެވެ. މި ޕެނަލްޓީއަކީ ގޯލް އޭރިއާގެ ތެރެއިން ޔުނައިޓެޑްގެ ޑިފެންޑަރ ލިންޑެލޯފްގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ޕަލަސްއަށް ދިން ޕެނަލްޓީއެކެވެ. ޖޯޑަން އަޔޫ ފޮނުވާލީ ޕެނަލްޓީ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި ނަމަވެސް ޑެހެއާ އެ ޕެނަލްޓީ މަތަކުރީ މާކުރިއަށް ނުކުމެ ހުރެ ކަމަށް ނިންމާ ރެފުރީ ޕަލަސްއަށް އަލުން ޕެނަލްޓީއެއް ދިންއިރު، އެ ޓީމުގެ ފޯވާޑް ޒަހާ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
ޔުނައިޓެޑުން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެޓީމާ އަލަށް ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރ ވެން ޑަ ބީކެވެ. އެ ލަނޑާއިއެކު ޔުނައިޓެޑުބް މެޗުން ޕޮއިންޓެއް ހޯދުމަށް ކުރަމުން އައި މަސައްކަތައް ހިތްވަރެއް ލިބުނު ނަމަވެސް 85 ވަނަ މިނެޓުގައި ޕަލަސްގެ ފޯވާޑް ޒަހާ އިތުރު ލަނޑެއް ކާމިޔާބުކޮށް ޕަލަސްއަށް މެޗުން ތިން ޕޮއިންޓްވަނީ ކަށަވަރު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!