2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ބަޑިޖެހި ހާދިސާގެ ޙަޤީޤަތް ރައްޔިތުންނަށް އަދިވެސް ސާފުވާން ޖެހިފައިވާކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީއިން މިއަދު ބުނީ މ. އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު ޖަލުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މަރާލައި، ޖެހިގެންއައި ދުވަހު ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް އަދިވެސް ހޯދިފައިނުވާ ކަމަށެވެ.
އެދުވަހު ބަޑިޖަހާފައި ވަނީ ސިފައިންގެ ޤާނޫނުގައިވާ ގޮތުގެ މަތިން އޯޑަރު ކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫންކަމަށްވާނަމަ ސިފައިންގެ ޤާނޫނުގެ ދަށުން އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަޙްޤީޤެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ޙަޤީޤަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކުރާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
އެމްޑީޕީއިން ބުނީ މާފުށީ ޖަލުގައި ސިފައިން އީވާން ނަސީމުގެ ގައިގާ ތަޅައި ލާއިންސާނީ އަނިޔާކުރުމަށްފަހު މަރާލުމަށްފަހު، އެއަށްފަހު އާއިލާއަށް ސިއްރުން އޭނާގެ ހަށިގަނޑު ވަޅުލަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ހިންގި އެ ބޮޑު ޖަރީމާއާ ދެކޮޅަށް ޖެހިގެން އައިދުވަހު ޖަލުގައި އިޙްތިޖާޖުކުރި އެތަކެއް އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި މަރާލައި އަދި އެނޫން ގައިދީންތަކެއް ޒަޙަމްކުރި އަނިޔާވެރި ޙާދިސާ ހިންގާފައިވަނީ ވެސް އެ ޙާދިސާއާ ގުޅިގެން ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.
"މި ޖަރީމާއަކީ ރާއްޖޭގެ ޖަލުތަކުގައި އޭރުގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ސިސްޓަމެޓިކް ގޮތަކަށް ބޮޑެތި އަނިޔާތައް ދެމުންދިޔަކަމާއި، އެފަދަ އަނިޔާތަކުގެ ޝިކާރަކަށްވެ އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާކަމުގައި އޭރު ވެސް ތުންތުންމަތިން ދެކެވެމުން ދިއަ ވާހަކަތަކުގެ ޙަޤީޤަތް އެންމެހައި ރައްޔިތުންނަށާއި މުޅި ދުނިޔެއަށް ޤަބޫލުކުރެވޭމިންވަރަށް ތިލަވެގެންދިއަ ޖަރީމާއެކެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ސިޔާސީ އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން އޭރުގެ ސަރުކާރަށް މަޖުބޫރުވެގެން ދިއަކަމެކެވެ." އެމްޑީޕީއިން ބުނެފައި ވެއެވެ.
ޖަލުގައި އީވާން ނަސީމް މަރާލެވުނުތާ 17 އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީގެ ގިނަ އެކްޓިވިސްޓުންނާއި، ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ސޯސަލް މީޑިއާގައި ވަނީ އެދުވަހުގެ ހަނދާންތަކާއި ގުޅޭ ގިނަ ވާހަކަތަކެއް ދައްކަވައި ގެންދަވަނީ ޝުއޫރު ފާޅު ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!