ހއ. އަތޮޅުގެ މުދައްރިސުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޅެން ހެދުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ފުރުޞަތު ހުޅުވާލަމުން ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް(ޕީޓީއެމް) އިން ބުނީ މިކޯސް ކުރިއަށް ގެންދަނީ "ޢީސަ އޮންލައިން ޕޮއެޓްރީ"ގެ ފަރާތުން ކަމަށެވެ.
މި ކޯހުގައި ކިޔަވައި ދެއްވަނީ މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރ ޢީސާ ޝަރީފެވެ. ޢީސައަކީ މިހާރު ވެސް ރާއްޖޭގައި ޅެންވެރިކަން ކުރިއަރުވައި ގިނަބަޔަކަށް ޅެން ހެދުމުގެ ހުނަރު އުނގައްނައި ދިނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ޅެންވެރިއެކެވެ.
ޢީސަގެ "ޢީސަ އޮންލައިން ޕޮއެޓްރީ"ގެ ފަރާތުން ހިންގާ ޅެން ހެދުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ކޯހުގެ ދެންފަށާ ބުރު ހއ. އަތޮޅުގެ މުދައްރިސުންނަށް އަމާޒު ކޮށްފައިވާއިރު، ޕީޓީއެމްއިން ބުނެފައި ވަނީ އެ ކޯހުގެ މަޢުލޫމާތު ކަރުދާސް ކިޔުއްވުމަށްފަހު، ކޯހުގައި ބައިވެރިވާން ޝައުޤުވެރިވާ މުދައްރިސުން، އެކަމަށް އެދޭ ފޯމް ހުށަހެޅުއްވުމަށް ހުޅުވާލާ ކަމަށެވެ.
Free Dhivehi poetry course
ޅެން ހަދަން ދަސްކޮށްދޭ ހިލޭ ކޯހުގެ ފުރުޞަތު، މުދައްރިސުންނަށް
ބައިވެރިވާ ފޯމް: https://t.co/AaQCcY47It
މަޢުލޫމާތު ކަރުދާސް (ކޯސް އައުޓްލައިން) : https://t.co/puHt3h2Aq0 pic.twitter.com/15Zb934qrX— Professional Teachers of Maldives (@TeachersMv) September 18, 2020
އޮންލައިންކޮށް، ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދާ މި ކޯސް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ 21 ސެޕްޓެމްބަރ އިން 25 ސެޕްޓެމްބަރ އަށެވެ. އެ ދުވަސްތަކުގައި ކޯސް ކުރިއަށްދާނީ ރޭގަނޑު 8:30 އިން 10:00 އަށެވެ.
ޢީީސަގެ "ޢީސަ އޮންލައިން ޕޮއެޓްރީ"ގެ ފަރާތުން ހިންގާ މިކޯހަކީ މީގެ ކުރިންވެސް ކުރިއަށް ގެންދިޔަ ކޯސްތަކެކޭ އެއްގޮތަށް މުޅިން ހިލޭ ސާބަހަށް ކުރިއަށް ގެންދާ ކޯހެކެވެ.
ޢީސަ ފެއްޓެވި ސިލްސިލާ މިމަސައްކަތުގެ ފުރަތަމަ ކޯސް ބޭއްވިފައި ވަނީ ހދ. އަތޮޅަށް އަމާޒު ކުރަށްވައިގެންނެވެ. ނިމުނު އޯގަސްޓުމަހުގެ 18 އިން 26 އަށް "ތިލަދެކުނުމަލަސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި ހދ. އަތޮޅުގެ 10 ސްކޫލަކުން 125 ދަރިވަރުން ބައިވެރިވެ ޅެންވެރިކަމުގެ އަސާސީ ހުނަރުތައް ވަނީ ދަސްކޮށްފައިވެއެވެ.
މި ސިލްސިލާގެ ދެވަނަ ބުރު ސެޕްޓެމްބަރު 15 އިން 22 އަށް ކުރިއަށް ގެންދިޔަ އިރު މި ކޯހުގައި ވެސް ހދ. އަތޮޅުން 5 ސްކޫލަކުން ބައިވެރިވިއެވެ. މީގެ އިތުރުން ނ. އަތޮޅުން ބައިވެރިވި 4 ސްކޫލަކާއި އަދި ތ. އަތޮޅުން ބައިވެރިވި 4 ސްކޫލާއިއެކު ޖުމްލަ 13 ސްކޫލަކުން 150 އަށް ވުރެ ގިނަ ދަރިވަރުން މި ބުރުގައި ބައިވެރި ވެފައިވެއެވެ. އަދި ބައެއް ޕްރިންސިޕަލުންނާއި، މުދައްރިސުންވެސް ބައިވެރިވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!