ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން (ޑަބްލިއުޓީޓީސީ) އިން ދޭ "ސޭފް ޓްރެވަލް" ސްޓޭމްޕް ރާއްޖެ އަށް ލިބިއްޖެއެވެ.
މި ސްޓޭމްޕް ރާއްޖެ އަށް ލިބުނުކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިއަދު އެވެ. މި ސްޓޭމްޕަކީ ކޯވިޑް-19އާ ގުޅިގެން ޗުއްޓީ ހޭދަ ކުރުމަށް އެންމެ ރައްކާތެރި މަންޒިލްތަކަށް ޑަބްލިއުޓީޓީސީން ދެމުން އަންނަ ސްޓޭމްޕެކެވެ. ޑަބްލިއުޓީޓީސީން ވެސް ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
މި ސްޓޭމްޕުގެ ސަބަބުން ކޯވިޑްގެ ދަތުރުފަތުރު ކުރަން ރައްކާތެރި ގައުމުތައް ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދެނެގަނެވޭނެއެވެ.
ޑަބްލިއުޓީޓީސީ އިން ދޭ "ސްޓޭމްޕް" އަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުން، ދޭން ސެޓްފިކެޓެކެވެ. މި ސެޓްފިކެޓް އެންމެ ފުރަތަމަ ހޯދި އެއް ގައުމަކީ އަވަށްޓެރި ސްރީލަންކާ އެވެ. މި ސެޓްފިކެޓް ދޭ ޑަބްލިއުޓީޓީސީން ބުނެފައިވާ ގޮތުގައި މިއީ ޓޫރިސްޓުންނަށް ޔަގީންކަން ލިބިގެންދާނެ ސެޓްފިކެޓެކެވެ.
ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
މިއަހަރުގެ މިހާތަނަށް 402،089 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 65.1 ޕަސެންޓް ދަށް އަދަދެކެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ޓޫރިޒަމް މިނިސްޓްރީން އަންދާޒާކޮށްފައިވަނީ މި އަހަރު އަންނާނީ 100،000 ޓޫރިސްޓުންނެވެ. މިހާތަނަށް އައިސްފައިވަނީ 9،000 ޓޫރިސްޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!