ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން، އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށް ދެމުންދާ ރަށްތަކުގެ އިންޖީނުގެތަކަށް ހާއްސަކޮށްގެން ވާޗުއަލް ޓުރެއިނިން ސެޝަންތަކެއް ބާއްވައިފިއެވެ.
އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ސެޝަންތައް ވަނީ ކާމިޔާބު ކަމާއިއެކު ނިންމާލާފައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މި ސެޝަންތަކުގައި ރަށްރަށުގައި ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ކޯވިޑް-19އާއި ގުޅިގެން ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ވަނީ ގިނަ މަޝްވަރާތަކެއް ކޮށްފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އެ ކުންފުނީގެ ޚިދުމަތް ފޯރުކޮށް ދެމުންދާ ރަށްތަކުގެ އިންޖީނުގެތަކަށް ހާއްސަކޮށްގެން ވާޗުއަލް ޓުރެއިނިން ސެޝަންތަކެއް ބާއްވާފައިވާއިރު، އެ ކުންފުނިން ކުރިއަށް ގެންދާ "ސްޓެލްކޯ ގްރީންލައިފް އިނިޝިއޭޓިވް" ގެ ދަށުން މާލޭގެ އިތުރު ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ މިގޮތުން މިހާތަނަށް 4 ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށް ނިމިފައިވާ ކަމަށާއި، އިތުރު ގެތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހެޔޮ އަގެއްގައި އަދި އިންސްޓޯލްމަންޓަށް ވިއްކަމުންގެންދާ ސޯލާ ޕެނަލްތައް ހަރުކުރުމުގެ ހުރިހާ މަސައްކަތެއްވެސް އެކުންފުނިން ކުރަން ނިންމާފައިވާއިރު، މި ކަމުގެ ސަބަބުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
"ސްޓެލްކޯ ގްރީންލައިފް އިނިޝިއޭޓިވް" ގެ ދަށުންސޯލާ ޕެނަލް ހަރުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރާނީ ސްޓެލްކޯއިންނެވެ. މި މަސައްކަތަށް، ސޯލާ ޕެނަލް ހަރުކުރާ ގޭގެ ވެރިފަރާތުން ދައްކަންޖެހޭނީ ފައިސާ ކަމަށާއި، މުޅި ސޯލާ ޕެނެލްގެ އަގަކީ 30،000 ރުފިޔާ ކަމަށް އެ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ.
އިންސްޓޯލްމަންޓް ސްކީމަކަށް ކުޑަ އަގެއްގައި ފައިސާ ދެއްކޭގޮތަށް ފަހިކޮށްދީފައިވާ މި ސޯލާ ޕެނަލަތްކަކީ އަމިއްލަ ކުރެވޭ ޕެނަލްތަކެކެވެ. ޕެނަލްތައް ހަރުކުރުމަށް 5000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކަންޖެހެއެވެ. އަދި ދޮޅުމަސް ތެރޭގައި ކަސްޓަމަރުންނަށް އެއިން ހިދުމަތް ލިބެން ފަށާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ 25 އަހަރާއި 30 އަހަރާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހި ޕެނަލްތައް ބޭނުންކުރެވޭނެ ކަމަށާއި، މިކަމުގެ ސަބަބުން ކަރަންޓު ބިލަށް ބޮޑު ލުއި ކަމެއް އަންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!