ކ. ހިންމަފުށިން މަދިރި މަދުކުރުމަށް، މަދިރި އާލާވާގޮތަށް ހުރި ތަންތަން ސާފުކުރުމުގެ މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުން ބައިވެރިވެއްޖެއެވެ.

މި މަސައްކަތަކީ ކ. ހިންމަފުށީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.

Ad
rt

އިއްޔެ ހެނދުނު ކުރިއަށް ދިޔަ އެ މަސައްކަތުގައި، އެރަށުން މަދިރި މަދުކުރުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ފެންގަނޑު ހެދޭ ހޮރުތަކަށް ފަސް އެޅުމާއި ތަންތަން ސާފުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި މަސައްކަތުގައި ހިންމަފުށީގައި ހުރި ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ސިނާއީ މަސައްކަތްކުރާ ކުންފުނިތަކާއި، އަމިއްލަ ކުންފުނި ތަކުގެ މެންބަރުންގެ އިތުރުން އާންމު ރައްޔިތުންނާއި، އެރަށުގެ ކްލަބް ޖަމްޢިއްޔާތަކުން ވަނީ ބައިވެރި ވެފައެވެ.

ހިންމަފުއްޓަކީ އައްސޭރި ޖަލުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދޭ ޓްރީޓްމަންޓް ރީހެބިލިޓޭޝަން ސެންޓަރުވެސް ހުންނަ ރަށެވެ. އަދި އެރަށަކީ ލޯކަލް ޓޫރިޒަމްގެ އިތުރުން ސިނާއީ މަސައްކަތްތަކެއް ވެސް ކުރަމުން ދާ ރަށެކެވެ.

ރަށުގެ ބޮޑު މިނުގައި 33.2 ހެކްޓަރ ހުންނަ ހިންމަފުށީގެ އާބާދީގެ ދަފުތަރުގައި 1130 އަށް ވުރެ ގިނަ މީހުން ތިބެއެވެ.