ށ. ނަލަންދޫއާއި، ހދ. ހޮނޑައިދޫ ދައުލަތުގެ ބޭނުމަކަށް ސަރުކާރުން ނެމަށް، އެ ރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ޢިއުލާން ކޮށްފިއެވެ.
މިކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ކުރި ޢިއުލާނުގައިވާ ގޮތުން ނ. ނަލަންދޫ އަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަލުން މިއީ ޢިއުލާނުކުރި ދެވަނަ ފަހަރެވެ. އެރަށުގައި އެމަސައްކަތް ކުރުމަށް ދެވަނަ ފަހަރަށް ޢިއުލާން މި ކުރީ އެ ކަމަށް ކުރިން ކުރި ޢިއުލާންގެ ޓާރމްސް އޮފް ރިފަރަންސަށް ބަދަލު އައުމާ ގުޅިގެން އެ އިއުލާން ބާތިލްކުރުމަށް ފަހުއެވެ.
ށ. ނަލަންދޫއަކީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން އެކުއަކަލްޗރ މަސައްކަތް ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން އެގްރިކަލްޗަރ އެންޑް ފިޝަރީޒް މަސައްކަތް ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ހދ. ހޮނޑައިދޫ ވެސް ދައުލަތުގެ ބޭނުމަކަށް ސަރުކާރުން ނަގަށް ކަނޑައަޅުއްވާފައިވާތީ، އެ ރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާން ކުރި މީ ފުރަތަމަ ފަހަރެވެ.
"މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ސެޕްޓެމްބަރ 22 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ 3339260، 3339204 އަދި 3339239 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިލައްވާނެއެވެ. އަދި މިމަސައްކަތްކުރައްވަން ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރަންސް ހޯއްދެވުމަށް މިމިނިސްޓްރީގެ އީމެއިލް admin@fishagri.gov.mv އަށް މެއިލް ކުރެއްވުން ލިބިލައްވާނެ ވާހަކަ ދަންނަވަމެވެ." ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިކަމަށް ކުރި ޢިއުލާންގައި ވެއެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީއިން، އެގްރިކަލްޗަރ އެންޑް ފިޝަރީޒް މަސައްކަތް ކުރުމަށް ދިގު މުއްދަތަށް ދޫކޮށްފައިވާ ހދ. ހޮނޑައިދޫއަކީ މިހާތަނަށް އެއްވެސް އިންވެސްޓްމަންޓެއް ކޮށްފައިވާ ރަށެއް ނޫނެވެ. އެރަށުގައި މިހާރު އޮތީ ހަމައެކަނި ހަލާކުވެފައިވާ ފާލަމެކެވެ.
މިއަހަރު ޖެނުއަރީ 2 ވަނަ ދުވަހު ނަގާފައިވާ ހޮނޑައިދޫ ފާލަމުގެ ފޮޓޯއެއް، މިހާރު މިފާލަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި
ހދ. ހޮނޑައިދޫއަކީ ކުރިން މީހުން އާބާދުވެ ދިރިއުޅުނު ރަށެކެވެ. އެ ރަށުމީހުން ހދ. ހަނިމާދޫއަށް ހިޖުރަކުރީ 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. 1999 ވަނަ އަހަރު ހޮނޑައިދޫން މީހުން ބާލައި ނިންމިކަމުގައި ވީނަމަވެސް، ރަސްމީގޮތެއްގައި ހޮނޑައިދޫއަކީ ފަޅުރަށެއްކަމުގައި ހަމަޖައްސާފައިވަނީ 2000 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުއެވެ.
އޭގެފަހުން ސަރުކާރުން އެރަށް ކުށްޔަށް ދޫކުރީ މިހާރު ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ޕްރައިވެޓް ލިމިޓެޑަށެވެ. ނަމަވެސް އެރަށުގައި އެއްވެސް މަސައްކަތެއް އެ ކުންފުނިން ފަށާފައެއް ނުވެއެވެ.
ދަނޑުވެރިކަން ކުރުމަށް ޔޮޓް ޓުއާސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ހޮނޑައިދޫގެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވި ކަމަށް ބުނެ، އޭރުގެ ސަރުކާރުން އެރަށް ނެގިއެވެ. އެ ރަށް ދައުލަތަށް ނެގުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ޔޮޓް ޓުވާސް އިން ކުރި ދައުވާގެ ޝަރީއަތަށް އެ ކުންފުނިން ހާޒިރު ނުވެގެން އެމައްސަލަ ކޯޓުން ބޭރުކޮށްލީ 10 މާޗް 2013 ގައެވެ.
ހޮނޑައިދޫއަކީ 18 ޑިސެމްބަރު 2019 ގައި ރިސޯޓުގެ ގޮތުގައި 29 ރަށެއް ތަރައްގީ ކުރުމަށް މި ސަރުކާރުން އިއުލާނުއިރު 500 އެނދުގެ ރިސޯޓެއް ތަރައްޤީ ކުރުމަށް ޢިއުލާންވެސް ކޮށްފައިވާ ރަށެކެވެ.
ށ. މިލަންދޫގައި 24 މާޗް 2019 ގައި އޮތް އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ށ.އަތޮޅު ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
އެ ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ، ށ އަތޮޅުގައި އެއަރޕޯޓެއް ތަރައްޤީވެގެންދާއިރު، އެކަމުގެ ސަބަބުން އެއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވެގެންދިއުމަށް މަގުފަހިވެގެންދާނޭކަމަށެވެ. މިލަންދޫގެ ރައްޔިތުންނާއި އެދާއިރާގެ ރައްޔިތުން އަބަދުވެސް އެދެމުންދިޔަ ފަދައިން ށ. ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާނެ ކަމަށް ރައީސް ޞާލިޙް އެދުވަހު ވިދާޅުވިއެވެ.
"އެއަރޕޯޓެއް ހުޅުވަން އެވަނީ ތައްޔާރުވެފައި، އޭގެ ބޭނުން އަޅުގަނޑުމެން އެންމެ ރަގަޅަށް އެބަ ހިފަންޖެހޭ، ތަރައްޤީއަށްޓަކައި، ޙާއްސަކޮށް، ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ވަރަށް ބޮޑު ވަސީލަތެއް އެއީ، މި ދާއިރާއަށް ލޯކަލް ޓޫރިޒަމާއި އަދި ރިސޯޓު ޓޫރިޒަމް އެބަ އަންނަން ޖެހޭ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!