ގދ. ތިނަދޫގައި ޢިމާރާތްތައް ކުއްޔަށް ހިފައިގެން މީގެ އަހަރުތަކެއްކުރީއްސުރެ ތަފާތު ލެވެލްތަކުގައި ތަފާތު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ކޯސްތައް ހިންގަމުންގެންދިޔަ އެވިޑް ކޮލެޖުން ތިނަދޫގައި އަމިއްލަ ކެމްޕަހެއް ޤާއިމްކޮށް ޒަމާނީފެންވަރަށް ހެދުމަށްފަހު އެ ކެމްޕަސް ރަސްމީކޮށް ހުޅުވައިފިއެވެ.
އެވިޑް ކޮލެޖްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރުދުވަހުގެރޭ ތިނަދޫ ފުޓުބޯޅަ ދަނޑުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ރަސްމީގޮތުން ހުޅުވައިދެއްވީ އެކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދާއި ގދ. ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ކަމުވޮށިގެންވާ ޢިއްޒަތްތެރިންނެވެ. މިރަސްމިއްޔާތު އެވިޑް ކޮލެޖްގެ ފޭސްބުކް ޕޭޖާއި އަދި ޓީވީ މޯލްޑިވްސްއިން ލައިވް ކުރެވުނެވެ.

އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ހުޅުވައި ދެއްވުމަށްފަހު ވާހަކަ ފުޅުދައްކަވަމުން ކޮލެޖްގެ ބާނީ މުޝްތާގު ވިދާޅުވީ ތިނަދޫގައި އެވިޑް ކޮލެޖްގެ ކެމްޕަސް ޤާއިމްކުރަން ބޭނުންވީ އޭނާގެ ބައްޕާފުޅު ތައުލީމަށްޓަކާ ހުވަދުއަތޮޅަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ދެމެހެއްޓެވުމުގެ ގޮތުންނެވެ. އަދި ތަޢުލީމީ އަޚްލާޤީ ދަރިންތަކެއް ތިނަދޫގައި އުފެދި އެދަރިންގެ ޚިދްމަތް ތިނަދުއަށް ދާއިމީކޮށް ލިބިގެންދިއުމަކީ އަބަދުވެސް ބޭނުންވާގޮތްކަމުގައިވާތީއެވެ.

އެވިޑް ކޮލެޖުގެ ކުރިމަގާއި މެދު ވާހަކަދައްކަވަމުން މުޝްތާގު ވިދާޅުވީ، އެވިޑް ކޮލެޖު ޔުނިވަސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށާ، ޔުނިވަރސިޓީގެ މައި ކެމްޕަސް ޤާއިމް ކުރާނީ ތިނަދޫގައި ކަމަށެވެ.

އެވިޑް ކޮލެޖްގެ އަމިއްލަ ކެމްޕަހެއް ތިނަދޫގައި ހުޅުވިގެންދިޔުމަކީ ނުހަނު ފަޚްރުވެރިވާކަމެއްކަމަށާއި އަދި އެއީ ތިނަދޫއަށާއި ތިނަދޫގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށް ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުން ހާމަކުރިއެވެ. ފެށުނީއްސުރެ ތިނަދޫއަކީ ތަޢުލީމީކަންކަމަށް މުޅިރާއްޖެއަށްވެސް މަޝްހޫރު ރަށަކަށްވެފައި އެވިޑް ކޮލެޖްގެ ބާނީ ޢަބްދުﷲ މުސްތާޤް ރަޝާދަކީ ތިނަދޫގެ އުފަން ތިނަދޫގެ ލޭ ހުރި ޒުވާނަކާށްވެފައި ތިނަދޫގެ ތަޢުލީމީ ދަންމަރު އުޖާލާކޮށް ދެމެހެއްޓުމަށް ކެނޑިނޭޅި ކުރައްވަމުންގެންދަވާ ބުރަ އަގުހުރި މަސައްކަތަށްޓަކައި ތިނަދޫގެ ރައްޔިތުން އެމަނިކުފާނަށް ތަޢުރީފުކުރެއެވެ.
Avid College G.Dh Thinadhoo Campus Grand Opening
Posted by Avid College on Saturday, September 12, 2020
ރޭގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަސް ހުޅުވުމަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވިއެވެ. ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވީ، އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދުއެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދްމަތް އަތްފޯރާފަދަ އަގެއްގައި ދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް ދެހާހަށްވުރެ ގިނަދަރިވަރުން ކޯސްތަކުގައި އެވިޑް ކޮލެޖުން ކިޔަވަމުން ގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!