މާލޭގައި ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ބޭއްވުމަށް ހަމަޖެއްސި ސައިކަލު ބުރުގައި ބައިވެރިވުމަށް އެއްވި މީހުންގެ ތެރެއިން 41 މިހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެކަން ހާމަކޮށް ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް، އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށެވެ.
" ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރަން އިލްތިމާސް ކުރަން " ފުލުހުން ބުނެފައި ވެއެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާން ކޮށްފައި ވަނިކޮށް އަދި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވާ އެނގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
ނަމަވެސް އިދިކޮޅު ޕާޓީތަކަށް ތާއީދުކުރާ ޒުވާނުން ވަނީ މިއަދު ސައިކަލެއް ބުރެއް ބޭއްވުމަށް ނިންމާފައި، އެއްވެފައެވެ.
މިއަދު މާލޭގައި ބޭއްވި ހަރަކާތަކީ އިދިކޮޅުން ރާވާ އިންތިޒާމުކުރި ހަރަކާތެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ. ނަމަވެސް މި ހަރާކާތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުންވެސް ބައިވެރިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
މިއަދު އެއްވި މީހުން ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ މަޖީދީމަގު މާފަންނުުކޮޅުން ސައިކަލު ބުރެއް ފަށާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!