ޕްރިންސިޕަލް މަޤާމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގައި ހިމެނިފައިވާ މަޤާމެއް ގޮތުގައި ކަނޑައަޅުއްވާ ޕްރިންްސިޕަލުންގެ ޓެނުއަރޝިޕް އުސޫލު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އާއްމުކޮށްފިއެވެ.

މި އުޞޫލުގައިވާގޮތުން ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި އެންމެ ގިނަ ދުވަހު ހުރެވޭނީ ޖެހިޖެހިގެން 4 އަހަރުގެ 2 ދައުރާއެކު ޖުމުލަ 8 އަހަރެވެ. މި އުޞޫލުގެ މައިގަނޑު މަޤްސަދަކީ ދިގުމުއްދަތެއްގައި އެއް ޕްރިންސިޕަލެއް ސްކޫލް ހިންގަން ހުރުމުން ދިމާވާ އެކި އެކި މައްސަލަތައް ހައްލުކުރުމާއި، އައު ޚިޔާލުތައް ސްކޫލު ހިންގުމުގެ ނިޒާމުގެތެރެއަށް ގެނެސް ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމުގައި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

Ad
rt

މި އުޞޫލު ޢާއްމުކުރުމާއެކު މަދު ޕްރިންސިޕަލުންތަކެއްގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ޖުމުލަ ގޮތެއްގައި މި އުޞޫލަކީ އުއްމީދުތަކެއް އާވެގެން ދިޔަ އުޞޫލެއްކަން ތަޢުލީމީ ދާއިރާގެ ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ.

އަތޮޅުތެރޭގައި ޕްރިންސިޕަލްގެ މަޤާމުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޕްރިންސިޕަލަކު މި ނޫހައް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި އުޞޫލުގެ ސަބަބުން އުއްމީދުތަކެއް އާވެގެން ހިނގައްޖެކަމަށެވެ. މާލޭ ސްކޫލެއްގައި މަސައްކަތްކުރުމުގެ ޝައުޤްވެރިކަން އަބަދުވެސް ހުންނަކަމަށާއި އެހެން ނަމަވެސް ކުރީގެ އުޞޫލު އޮތްގޮތުން އެފަދަ ފުރުޞަތެއް ލިބުމަކީ ހުވަފެނުގައިވެސް ފެނިފައި ނުވާކަމެއްގެ ގޮތުގައި އެބޭފުޅާ ފާހަގަކުރެއްވިއެވެ. މާލޭގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލް މަޤާމަކީ ވަކި ފަރުދަކަށް ފަތްލިޔެ އަޤުދުކުރެވިފައިވާ މަަޤާމެއްގެ ގޮތުގައި ސިފަ ވެގެން ގޮސްފައިވާ ކަމުގައި ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި އުޞޫލާއެކު މާލޭ ސްކޫލުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ޕްރިންސިޕަލުންގެ ޓެނުއަރޝިޕް އުޞޫލާ ގުޅޭގޮތުން ސޯސަލް މީޑިޔާގައި ޚިޔާލުފާޅުކުރެއްވި އާއްމު ފަރާތަކުން ފާހަގަކުރެއްވި ގޮތުގައި އެ ފަރާތް ސްކޫލު ދައުރު ފެށުނީވެސް އަދި ނިމުނީވެސް އެއް ޕްރިންސިޕަލެއްގެ އެޑްމިނިސްޓްރޭޝަން ދަށުންކަމަށެވެ. ސްކޫލު ހިންގުން އޮންނަނީ އޮޓޯއަށްލާފައި ކަމަށާއި، އާޚިޔާލުތަކާ އާ ކަންކަން ތަޖުރިބާ ކުރެވިގެން ގޮސްފައި ނުވާކަން ފާހަގަކުރައްވަމުން ބުނެފައިވަނީ އެޑިޔުކޭޝަނުން މިހާރު އާއްމުކުރި އުޞޫލުގެ ސަބަބުން އުއްމީދު އާވެގެން ހިނގައްޖެކަމަށެވެ.

މި އުޞޫލާ ގުޅޭގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރެއްވި ޕްރިންސިޕަލަކު މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެބޭފުޅާ މިހާރު ވަޒީފާ އަދާކުރައްވާތަން ކަނޑައެެޅީ އެބޭފުޅާގެ ޗޮއިސް އެއްގެ ގޮތުގައި ކަމަށާއި އެހެންނަމަވެސް އެ ޗޮއިސް ބަދަލުކުރުމަށް މަޖުބޫރުކުރުމަކީ ވަޒީފާގެ ހައްޤެއް ނިއުޅައިގަތުން ކަމަށް ދެކޭކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި އުޞޫލާ ގުޅޭގޮތުން ގާނޫނީ ގޮތުން ބައެއް ޕްރިންސިޕަލުން ފާހަގަކުރާ އެ ނުކުތާއަކީ އެއްވެސް ބަރުދަނެއް ހުރި ނުކުތާއެއް ނޫންކަން ދެކޭ ޕްރިންސިޕަލުންނެއްވެސް މަދެއްްނޫނެއެވެ.

ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅަކު މި ނޫހަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ އޮފީހެއްގެ އޮނިގަނޑުގައިވާ މަޤާމަކީ މަޤާމަށް ޝަރުތު ފުރިހަމަވާ ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގެއްކަމަށާއި އިރެއްގައި ކޮށްފައި އޮންނަ އިއުލާނަކާ ގުޅިގެން މަޤާމަށް ލެއްވިފައިވާ ފަރާތެއްކަމުގައި ވިޔަސް އޮފީހުގެ އޮނިގަނޑުގައިވާ އެ މަޤާމަކީ ވަކި ފަރުދެއްގެ ވަޒީފާގެ ހައްގެއް ނޫންކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލަކާ ގުޅިގެން ވަޒީފާގެ އޮނިގަނޑަށް ގެނެވޭ ބަދަލުގެ ސަބަބުން ވަޒީފާ އަދާކުރާ ތަން ބަދަލުވުމަކީ ވަޒީފާ އަދާކުރާ ފަރާތުގެ ހައްޤެއް ނިގުޅައިގަތުން ނޫންކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ. މިގޮތުން ޕްރިންސިޕަލްގެ އުޞޫލާ ގުޅިގެން އެއްވެސް ފަރާތެއްގެ ވަޒީފާ ގެއްލިގެން ނުދާ ހިނދު މި އުޞޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެެއްގެ ވަޒީފާ އަދާކުރުމުގެ ހައްޤު ގެއްލިގެން ނުދާކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ.

މި އުޞޫލު އާއްމުކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދި ލެއްވި ގޮތަށް ސިވިލްސަރވިސް ކޮމިޝަނުން އުޞޫލު ފާސްކޮށްދެއްވުމާއި ގުޅިގެންނެވެ.