އ.ދ ގެ ދެމެހެއްޓެނިވި ތަރައްޤީ އެޖެންޑަރ 2030 ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޔުނެސްކޯގެ ފަރާތުން ކުރާ މަސައްކަތްތަކުގެ ތެރެއިން މެމްބަރު ޤައުމުތަކުގެ މަތީތަޢުލީމުދޭ މަރުކަޒުތަކުގެ މެދުގައި ފަންނީ މަޢުލޫމާތާއި، ދިރާސާއާއި ތަޖުރިބާ ހިއްސާކޮށް، ގުޅުން ބަދަހިކޮށް އަދި ކުރިއެރުން ހާޞިލުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާ ޔުނެސްކޯ ޗެއަރގެ ނެޓްވަރކް ޗެއަރއެއް އެވިޑް ކޮލެޖުގައި ޤާއިމްކޮށްފިއެވެ.

އެވިޑް ކޮލެޖުން ހާމަކުރާގޮތުގައި، މި ޗެއަރގެ ވިއުގައި ހިމެނޭ އެހެން ޤައުމުތަކުގެ ޔުނިވަރސިޓީތަކާ ގުޅިގެން ރާއްޖޭގައި އިންޓަރނޭޝަނަލް ކޮންފަރެންސް ބޭއްވުމާއި އެވިޑް ކޮލެޖުގެ ރިސަރޗް ޖާނަލްއެއް ނެރުމުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އިންސާނީ ވަޞީލަތް ބިނާކުރުމަށް އެވިޑް ކޮލެޖުން ކުރާ މަސައްކަތުގައި އެ ޔުނިވަރސިޓީތަކުގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

Ad
rt

މި ޗެއަރ އަކީ ބެލްގޮރޮޑް ޔުނިވަރސިޓީ އޮފް ކޯޕަރޭޝަން، އިކޮނޮމިކްސް އެންޑް ލޯ ގައި ޤާއިމްކޮށްފައިވާ ޔުނެސްކޯ ޗެއަރ އޮން " އެޑިޔުކޭޝަން ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އޮފް ކޯޕަރޭޓިވްސް" ގެ ނެޓްވަރކް ޗެއަރ އެކެވެ. މިޔުނިވަރސިޓީއާއި އެވިޑް ކޮލެޖާއި ދެމެދުވަނީ ޕާރޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރެވި އެކަޑެމިކް ޕްރޮގްރާމްތައް އުފެއްދުމާއި ދިރާސާކުރުމުގެ މަސައްކަތްތައް ކުރަންފަށާފައެވެ. އެވިޑް ކޮލެޖްގައި ޤާއިމްކުރެވުނީ ޔުނެސްކޯ ނެޓްވަރކް ޗެއަރ އޮން " އޮންޓްރޮޕްރެނުއަރޝިޕް އެންޑް ލީޑަރޝިޕް ޑިވެލޮޕްމަންޓް" ގެ ނަމުގައެވެ.

މިއީ އެވިޑް ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތާއި ވިޔަފާރީގެ ދާއިރާއިން ޙާޞިލުކުރައްވާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން އެފަރާތަށް ޚާއްޞަކުރެވުނު ނެޓްވަރކް ޗެއަރއެކެވެ. ޔުނެސްކޯ ޗެއަރގެ ވިއުގާގައި މިހާތަނަށް 110 މެމްބަރު ޤައުމުގައި 830 އަށްވުރެ ގިނަ ޗެއަރ ޤާއިމްކޮށްފައިވެއެވެ. މިއީ ޔުނެސްކޯ ނެޓްވަރކް ޗެއަރ އެއް ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ފަހަރެވެ.

އެވިޑް ކޮލެޖަކީ މިހާރުވެސް ދެހާހަށްވުރެ ގިނަދަރިވަރުން ތަފާތު ކޯސްތަކުގައި މަތީތަޢުލީމު ޙާޞިލްކުރަމުންގެންދާ ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ، އެންމެބޮޑު އެއްކޮލެޖެވެ.