މިއަހަރުގެ ޤައުމީ އިނާމަށް 94 ފޯމު ހުށަހަޅާފައިވާކަން ޤައުމީ އިނާމާބެހޭ ކޮމިޓީން ބުނެފިއެވެ.
މައިގަނޑު 33 ދާއިރާއަކުން މިއަހަރުވެސް ގައުމީ އިނާމު ދޭން ނިންމާފައިވާއިރު، ކޮމެޓީ ހާމަކޮށްފައިވާ ގޮތުގައި އިނާމަށް މިއަހަރު ހުށަހެޅި 94 ފޯމު ހުށަހަޅާފައިވަނީ މި 33 ދާއިރާގެ ތެރެއިން 26 ދާއިރާއަކަށެވެ.
އެ ކޮމެޓީ އިން ބުނީ މިހާރު ކުރިއަށްދަނީ އިނާމަށް ހުށަހެޅި ފަރާތްތަކުގެ ޝަރުޠު ހަމަވޭތޯ ބަލައި ފޯމުތައް ދިރާސާ ކޮށް ޕޮއިންޓު ދިނުމުގެ މަސައްކަތް ކަމަށެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމަޢަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.
ސަރުކާރުން މި އިނާމު ފުރަތަމަ ދެއްވަން ފެށްޓެވީ، ޢާންމު ޚިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް، މި އިނާމު ގަވާއިދުން ދެއްވަމުން ގެންދަވާފައިވެއެވެ. 2009 ވަނަ އަހަރުން ފެށިގެން މި އިނާމު ދެއްވަމުން ގެންދަވަނީ، ޤައުމީ އިނާމުގެ ނަމުގައެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމަކީ، ޤައުމާއި މުޖުތަމަޢަށް ފައިދާހުރިގޮތެއްގައި، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވާ އިނާމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމަކީ، އެކަށީގެންވާ މުއްދަތެއްގައި، ދެމެހެއްޓެނިވިގޮތަކަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި ފަރާތްތަކަށް ދެއްވާ އިނާމެކެވެ.
މިދިޔަ އަހަރުން ފެށިގެން ޤައުމީ އިނާމު ދެއްވަމުން ގެންދަވަނީ ޤައުމީ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!