ވިސްލްބްލޯކުރުމާބެހޭ ޤާނޫނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި، މުވައްޒަފުން އަހުލުވެރި ކުރުމުގެ ސެޝަންތަކެއް ހިންގަން ފަށައިފިއެވެ.
ސެޝަންތައް ހިންގަނީ ވިސްލްބްލޯކުރުމާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެކުލަވާލާފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ އާއި ލީގަލް ޑިޕަރޓްމަންޓުން އިންތިޒާމްކޮށްގެން ނެވެ.
މި ސެޝަންތަކުގެ މަގްސަދަކީ މި ޤާނޫނުގެ ދަށުން މަތިކުރާ މަސްއޫލިޔަތްތަކަށް އޮފިސަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުމެވެ.
މިގޮތުން ކަރެކްޝަންސްގެ ހެޑް އޮފީހުގެ އަދި ހުޅުމާލޭ ޖަލުގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ސެޝަންތައް ނިންމާފައިވާއިރު، މާފުށީ ޖަލުގައި އޮންލައިންކޮށް ހަތަރު (4) ސެޝަން ވަނީ ހިންގާފައިވެއެވެ. މިހާތަނަށް 150 އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މި ސެޝަންތަކުގައި ވަނީ ބައިވެރިވެފައިއެވެ.
މި ސެޝަންތަކުގައި ވިސްލް ބްލޯވާ ޕްރޮޓެކްޝަން ކޮމިޓީއަށް ހުށަހެޅޭނެ މައްސަލަތަކުގެ ބާވަތާއި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ދާނެ ގޮތް ވަނީ ބައިވެރިންނަށް ކިޔާދީފައެވެ. އަދި މައްސަލަ ހުށަހެޅޭނެ ގޮތްތައް އޮފިސަރުންނަށާއި މުވައްޒަފުންނަށް ވަނީ ކިޔާދީފައެވެ.
ވިސްލްބްލޯވަރުން ހިމާޔަތްކުރުމުގެ ގޮތުން އެއްވެސް ހާލަތެއްގައި އެ ފަރާތްތަކުގެ ޒާތީ އަދި އެހެނިހެން މަޢުލޫމާތު ހާމަ ނުކުރެވޭނެކަން ވަނީ ވަކިން ފާހަގަކޮށް މި ސެޝަންތަކުގައި ވަނީ ކިޔައިދީފައެވެ.
ކަރެކްޝަންސް އިން ބުނީ ކުރިއަށް އޮތްތާނގައި މާފުށީ އައްސޭރި ޖަލާއި މާލެ ޖަލުގައި ވެސް މި ޤާނޫނަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!