ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި ބަންގްލަދޭޝްމީހެއްގެ އަތުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަގުމަތީ އަގުގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ 2020 ސެޕްޓެމްބަރ 08 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަންފައި ވާކަމަށެވެ.

Ad
rt

އެމީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ތަޙްލީލްކުރިއިރު ކެނަބިސް (Cannabis) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެމީހާގެ ލަގެޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު 4.448 ކިލޯ ހުރިކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 3,558,400 (ތިން މިލިއަން ފަސް ލައްކަ ފަންސާސް އައްހާސް ހަތަރު ސަތޭކަ) ރުފިޔާއަށް އަރާ ކަމަށެވެ.

މިމައްސަލައިގައި ޝާމިލްވާ ބަންގްލަދޭޝް މީހާއާއި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.