ދިރާއްޖެއަށް ގުޅާލެވޭ ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީޙް މިހެން ވިދާޅުވީ ޑަބްލިއު.އެސް.އައި.އެސްގެ 2020 ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރު މަލީޙް ވިދާޅުވީ 21 ވަނަ ޤަރުނުގެ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކުރުމަށްޓަކައި ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގު ހޯދަން ޖެހިފައިވާކަމަށެވެ.
މިގޮތުން ކޮލިޓީ ނެޓްވޯކު ކަވަރޭޖް އާއި، އައި.ސީ.ޓީ ލީގަލް ފްރޭމްވޯކް އާއި، ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަންޖެހިފައިވާ ކަމަށް މިނިސްޓަރު މަލީޙް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ އައި.ސީ.ޓީ ދާއިރާ އާއި ބެހޭ މުހައްމު މައުލޫމާތުތައް ހިއްސާކުރަށްވާ ވާހަކަ ދަށްކަވާފައެވެ. މިގޮތުން ދުނިޔެއަށް މިވަގުތު ދިމާވެފައި މިވާ ކޯވިޑް-19ގެ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއާއި، އުނގެނުމާއި، މަސައްކަތްކުރާ ގޮތް މިއަދު ބަދަލުކުރަން މަޖުބޫރުވެ، ޓެކްނޯލޮޖީގެ ދައުރު ކުރީ ސަފަށް ގެނެސްފައިވާކަން މިނިސްޓަރު ވަނީ ފާހަގަ ކުރަށްވާފައެވެ.
އިންސާނުންގެ ކުރިއެރުމަށް ޑިޖިޓަލް ކަނެކްޓިވިޓީ މިއަދު މިވަނީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވެފައި ކަމަށާއި، މީގެ ސަބަބުން ޑިޖިޓަލް ޑިވައިޑު ވަނީ ދިވެހިރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތް އޮތުމަކީ ކޯވިޑް-19ގެ މި ހާލަތުގެ ނަސީބެއްކަމުގައި ވީ ނަމަވެސް އެކަމުގެ ސަބަބުން ޑިޖިޓަލް ޑިވައިޑްގެ މައްސަލަ ހައްލުކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
ޑަބްލިއު.އެސް.އައި.އެސްގެ 2020ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގެ މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސައިންސް، ޓެކްނޯލޮޖީ އަދި ކޮމިއުނިކޭޝަން ދާއިރާގެ މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޗެއަރމަން/މޮޑަރޭޓަރުގެ ހައިސިއްޔަތުން އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ)ގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!