ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން އޮންނަ މުއްދަތު ހަމަވިއިރު، މަޖިލީހުގެ ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި މުލަކު ދާއިރާގެ މެމްބަރު އިބްރާޙިމް ނަސީރު ފިޔަވާ އެހެން ހުރިހާ މެމްބަރުން މަލީ ބަޔާން ހުށަހަޅައިފިއެވެ.
މަޖިލިސް ގަވާޢިދުގައި ބުނާ ގޮތުން މަޖިލިސް މެމްބަރުންނާއި އެ މެމްބަރުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހެނީ ކޮންމެ އަހަރެއްގެ އޮގަސްޓް 31ގެ ކުރިންނެވެ.
މަޖިލިސް ގަވާޢިދު ބުނާގޮތުން މަޖިލިސްގެ ވެބްސައިޓުގައި ޝާއިއުކުރަން ކުރަށްވަން ޖެހެނީ މެންބަރުންގެ މާލީ ބަޔާނެވެ. މިގޮތުން މިއަދު މަޖިލިސް ވެބްސައިޓުގައި ވަނީ މާލީ ބަޔާން ހުށަހެޅި ހުރިހާ މެމްބަރުންގެ މާލީ ބަޔާން ހާމަކޮށްފައެވެ. އެ ވެބްސައިޓުން އަދި ފެންނަން ނެތީ މެންބަރު ޖާބިރާއި، މެންބަރު ނަސީރުގެ މާލީ ބަޔާން އެކަންޏެވެ.
މަޖިލިސް ގަވައިދުގައި 70 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، މެމްބަރަކު މާލީ ބަޔާން ހުށަނާޅައިފި ނަމަ، އިތުރު 15 ދުވަސް ތެރޭގައި މަލީ ބަޔާން ހުށަހެޅުމަށް ލިޔުމަކުން މަޖިލީހުގެ އަމީން އާންމު އަންގަން ޖެހެއެވެ.
މަޖިލިސް ޤަވާޢިދުގައި ބުނާގޮތުން މުއްދަތަށް މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންނަށް ދެވޭ އިތުރު 15 ދުވަހުގެ މުހުލަތުގައި އެ މެންބަރަކު މާލީ ބަޔާން ހުށަނާޅުއްވައިފި ނަމަ ދެން އޮންނަނީ މަޖިލިސްގެ ރިޔާސަތުން އެ މެންބަރެއްގެ ނަން އިއްވުމެވެ.
މިގޮތަށް ނަން އިއްވުމުން އެ މެންބަރަކު މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެ ކަމަށް ގަވާޢިދުގައި ބުނެފައި ވާއިރު، އެއަށްފަހު މެންބަރަކަށް މަޖިލިސް ޖަލްސާއެއްގައިވެސް އަދި ކޮމިޓީއެއްގައިވެސް ބައިވެރިވެވޭނީ މާލީ ބަޔާން ހުށަހެޅުމަށްފަހު ކަމަށް މަޖިލިސް ޤަވާޢިދު ބުނެއެވެ.
މެންބަރުންގެ މާލީ ބަޔާން އާންމު ކުރާގޮތަށް ހަމަޖެއްސީ މިހިނގާ 19 މަޖިލިސްއިން އެކުލަވާލި މަޖިލިސްގެ ޤަވާޢިދުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!