ހއ. އުލިގަމުގައި ދީނީގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އުލިގަމު ކައުންސިލުން ބުނީ ދީނީ ގޮތުން އުލިގަމު ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް އެ ކައުންސިލުން މި އަހަރު ހިންގުމަށް ރާވާފައިވާ ދަޢުވަތު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް، މި މިހިނގާ ސެޕްޓެމްބަރު މަހު ތެރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ.

Ad
rt

މިހަރަކާތް ކުރިއަށް ގެން ދިއުމަށް ނިންމާފައި ވަނީ "އުފާވެރި ދިރިއުޅުމަކަށް" މި ނަމުގައެވެ. މި ހަރަކާތަކީ އުލުގަމު ކައުންސިލާއި، އެސޯސިއޭޝަން ފޮރ ސޯޝަލް އެވެއަރނަސް (އަސާ)، އަދި ޖަމްޢިއްޔަތް ސަލަފް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އުލިގަމު ކައުންސިލުން ބުންޏެވެ.

އުލިގަމު ކައުންސިލުން ބުނީ މި ރަކާތުގެ ތެރެއިން 3 ސެޝަނެއް ނަގައިދިނުމަށް ހަމަޖެހިފައި ވާކަމަށާއި، އެ ސެޝަންތައް އޮންނާނީ 2020 ސެޕްޓެމްބަރ 11، 18، އަދި 25 ވާ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 16:30 އިން 17:30 އަށް ކަމަށެވެ.

އެ ސެޝަންތަކުގައި ބައިވެރިވުމަށް އެދޭ އުލިގަމު ރައްޔިތުން 2020 ސެޕްޓެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ އެ ކައުންސިލް ބަންދުވުމުގެ ކުރިން އެ ހަރަކާތުގައި ރަޖިސްޓްރީވުމަށް އުލިގަމު ކައުންސިލުން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މިގޮތުން ރަޖިސްޓްރީވުމަށް 7759261 ނުވަތަ 9747454 އަށް ގުޅުއްވައިގެން މިސެޝަންތަކުގައި ބައިވެރި ވެވޭނެ ކަމަށް އެކައުންސިލުން ބުންޏެވެ. މީގެ އިތުރުން ފުރިހަމަ ނަން، އެޑްރެސް ޖެއްސެވުމަށްފަހު އެ ނަމްބަރު ތަކަށް މެސެޖުކުރެއްވުން ވެސް އެ ސެޝަންތަކުގައި ބައިވެރި ވެވޭނެ ކަމަށް އުލިގަމު ކައުންސިލުން ބުންޏެވެ.