ރައްޔިތުންގެ މަޖިލިސްގައި މަސައްކަތް ނުނިމި ތާށިވެފައި އޮތް ތަޢުލީމުގެ ބިލަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)އިން ގިނަ އިސްލާހްތަކެއް ހުށަހަޅައިފިއެވެ.
ޓީއޭއެމް އިން ތައުލީމުގެ ބިލަށް އިސްލާޙްތަކެއް ހުށަހެޅުމާއިއެކު މިހާރު އޮތް ތަޢުލީމާއި ބެހޭ ޤާނޫނުގައި ހުރި، އެ ޖަމްޢިއްޔާއިން ކަންބޮޑުވާ މާއްދާތައް ފާހަގަކޮށް އެ މާއްދާތަކާއި ގުޅޭ އެޖަމްޢިއްޔާގެ ކަންބޮޑުވުންތަކާއި، ޚިޔާލުތައް ވެސް ހުށަހަޅާފައި ވެއެވެ.
މިގޮތުން އެ ޖަމްޢިއްޔާއިން ތަޢުލީމުގެ ބިލުގައި ހިމެނުމަށް އެދިފައިވާ ބައެއް ނުކުތާތައް:
- ސްކޫލުތަކުގައި އަދި ކުލާސްތަކުގައި ގިނަވެގެން ތިބެވޭ ދަރިވަރުންގެ އަދަދު ކަނޑައެޅިފައި އޮންނަންވާނެއެވެ. މިގޮތަށް އޮތުމުން ސްކޫލްތައް ހިންގުމާއި މުދައްރިސުންގެ ވާރކް ލޯޑް ކުޑަވުމާއި އެކު ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ.
- ކިޔަވައިދިނުމަށް ބޭނުންވާ ހުރިހާ ރިސޯސްތައް (ކޮންމެ މުދައްރިސަކަށްވެސް މަސައްކަތް ކުރާނެ ވާރކް ސްޓޭޝަނެއް ގާއިމު ކުރުން. މިގޮތުން ވާރކް ސްޓޭޝަންގައި ކޮންމެ މުދައްރިއްސަކަށް ގޮނޑި އަކާއި މޭޒެއް އަދި ކޮމްޕިއުޓަރ ސިސްޓަމެއް) ފޯރުކޮއްދިނުމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ޒިންމާއެއް ގޮތުގައި ކަނޑައެޅުން. ފެންވަރު ރަނގަޅު ތަޢުލީމެއް ދެވޭނީ އެކަށޭނެ ވަސީލަތްތަކާއި ފެހި ފަހި މާހައުލެއް ގާއިމު ކޮށްދެވިގެންނެވެ. އަދި ދަރިވަރުންގެ ތަޢުލީމާއި ދުޅަހެޔޮ ކަމާއި ގުޅުންހުރި ހަރަކާތްތަށް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން ސަލާންޖެހުމުގެ އާދަ ހުއްޓުވަންޖެހެއެވެ. މި އާދަތަކުގެ ސަބަބުން ސްކޫލު ތަކުގެ މެނޭޖްމަންޓް، މުދައްރިސުން އަދި ހާއްސަކޮށް ބެލެނިވެރިންނަށް އެތަށް ދަތިތަކަކާއި ކުރިމަތި ލާންޖެހެއެވެ.
- މުދައްރިސުން ކުރާ މަސައްކަތުގެ ހަމަ އުޖޫރަ ޤާނޫނުގައިވާ ގޮތުގެ މަތިން ލިބިދޭކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ޒިންމާއެއް ގޮތުގައި ކަނޑައެޅުން.
- ތައުލީމީ ޒުވާނުން ދާއިރާއަށް ޝައުގުވެރިކުރުވުމަށް ބާރުދޭފަދަ ކަންކަން ބިލް ގައި ހިމެނުން. މިގޮތުން އަތޮޅު ތެރޭގެ މުދައްރިސުން މެނޭގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އެކު އެކަށޭނެ އުޖޫރައެއް ދިނުމާއި ދާއިރާގެ ނިންމުންތައް ނިންމުމުގައި މުދައްރިސުން ޝާމިލް ކުރުން. އަދި ވަޒީފާގެ ކުރިއެރުން ލިބިދިނުމާއި އެކު އެކަށޭނަ އެލަވަންސްތައް ލިބިދިނުން (މިގޮތުން ރިސްކު އެލަވަންސް، އެކޮމަޑޭޝަން އެލަވަންސް، ފުޑް އެލަވަންސް، ފޯނު އެލަވަންސް އަދި ކްލާސް ޓީޗަރ އެލަވަންސް).
- މުދައްރިސުންނަށް ޗުއްޓީ، ޗުއްޓީގެ ގޮތުގައި ހޭދަކުރުމުގެ ޤާނޫނީ ހައްޤު ކަށަވަރުކޮށްދިނުން. އަދި މަސައްކަތުގެ ވަގުތުގެ އިތުރަށް ކުރާ މަސައްކަތަށް ޤާނޫނުގައިވާ ގޮތުގެ މަތީން އިތުރުގަޑީގެ ފައިސާލިބޭނެކަން ކަށަވަރުކޮށްދިނުން.
ތައުލީމުގެ ބިލަށް ޓީޗާރސް އެސޯސިއޭޝަނުން ހުށަހަޅާ އިސްލާހުތައްhttps://t.co/fEpC7BW7XL@presidencymv @mvpeoplesmajlis @ibusolih @MohamedNasheed @MoEdumv @aisthly @ahmedabdulla2a @SalleHoarafushi @Roxeyna @hisaanhussain @evattey
— Teachers' Association of Maldives (@TAMaldives) September 7, 2020
ތައުލީމާ ބެހޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތް ވަނަ ދުވަހު އެވެ. ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ކޮމިޓީއަށް ބިލު ފޮނުވީ މިއަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު އެވެ. ނަމަވެސް ކޮމިޓީއިން އެ ބިލު ދިރާސާ ކުރަން ފެށީ ޖޫން މަހުގެ 10 ވަނަ ދުވަހު ކަމަށް ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ. ކޮމިޓީއަށް ފޮނުވި ފަހުން މިހާރު ހަމަސް ދުވަސް ވެފައިވާއިރު ކޮމިޓީއިން ނިންމާފައި ފޮނުވި އެ ބިލު އިއްޔެ ވަނީ އަނެއްކާވެސް އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ.
އިއްޔެ ވަނީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 68 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، މެންބަރުން ޗުއްޓީއަށް ވަޑައިގެންފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!