ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު އަދި ނައިބް ރައީސްކަމަށް އިބްރާހިމް ރަޝީދު އައްޔަން ކުރައްވައިފި އެވެ.

ސީއެސްސީގެ ރައީސް އާއި ނައިބް ރައީސްކަމަށް އައްޔަން ކުރުމަށް ވޯޓަށް އައްސަވާފައިވަނީ ރައްޔިތުން މަޖިލީހުގައި މިއަދު މެންދުރުފަހު 02:00 ގައި ބޭއްވުނު މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާގައި ނެގުނު ވޯޓުން ނެވެ.

Ad
rt

މިދެބޭފުޅުންގެ ނަން މަޖިލީހަށް ހުށައަޅުއްވައި ދެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް އެވެ. ރައީސް ކަމަށް މުހައްމަދު ނާސިހު އައްޔަނުކުރަން ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރ އިބްރާހިމް ޝަރީފް އެވެ. ނައިބް ރައީސްކަމަށް އިބްރާހިމް ރަޝީދު އައްޔަން ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރ އަޙްމަދު އަބްދުﷲ އެވެ.

ރައީސް ކަމަށް މުހައްމަދު ނާސިހު އައްޔަނުކުރަން މަޖިލީހުގެ 68 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. ނައިބް ރައީސްކަމަށް އިބްރާހިމް ރަޝީދު އައްޔަންކުރަން މަޖިލީހުގެ 68 މެންބަރުން ވޯޓު ދެއްވި އެވެ.

މީގެކުރިން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލްކަން އަދާކުރެއްވި ނާސިހު ވަނީ ހިންގުމުގެ ދާއިރާގައި 28 އަހަރާއި އެއް މަސް ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. އޭނާ ވަނީ މާސްޓަރސް އޮފް އިންޖިނިއަރިންގ އިން މަތީ ތައުލީމް ހާސިލުކުރައްވާފައެވެ.

އިބްރާހިމް ރަޝީދު އަކީ ހދ. އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހިޔުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

އިބްރާހިމް ރަޝީދު ފާހަގަކުރެވިފައިވަނީ ތަޢުލީމީ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން އިބްރާހިމް ރަޝީދު ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް މަޤާމުގެ އިތުރުން އެ މިނިސްޓްރީގެ ސްޕްރިންޓެންޑެންޓްގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން އަތޮޅުތެރޭގެ ތަފާތު ސްކޫލްތަކުގެ ޕްރިންސިޕަލްގެ މަޤާމާއި ޓީޗަރެއްގެ މަޤާމުގައިވެސް ތަޢުލީމީ ދާއިރާގައި އިބްރާހިމް ރަޝީދުވަނީ ޚިދުމަތްކުރައްވާފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް ހދ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އިބްރާހިމް ރަޝީދުވަނީ ފުރުއްވާފައެވެ.

އިބްރާހިމް ރަޝީދަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރ ޑިގްރީ ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އިބްރާހިމް ރަޝީދުވަނީ ސިޔާސީ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިން އަދި ސޯސަލް ސައިންސްގެ ދާއިރާއިން ފަސްޓް ޑިގްރީ ފުރިހަމަކުރައްވާފައެވެ.

ދެން ކޮމިޝަންގައި ތިއްބަވާ މެމްބަރުންނަކީ މި ދެބޭފުޅުންނާއި އެކު ކޮމިޝަންއަށް އައްޔަނުކުރެވުނު މުހައްމަދު ފަރުޝަތު އާއި ފާތިމަތު ޝަރީފެވެ. މި ހަތަރު ބޭފުޅުން މަގާމުގެ ހުވާކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ދެން ކޮމިޝަންގައި ހުންނަވަނީ ކޮމިޝަންގެ މެމްބަރު ފާތިފަތު އާމިރާއެވެ.