ޔުއެފާ ނޭޝަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކޮރޭޝިއާ އާއި ބައްދަލުކޮށް ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅުނު މެޗު ޕޯޗުގަލް ކޮރޭޝިއާއާއި ބައްދަލުކޮށް ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

އަނިޔާގެ ސަބަބުން ޕޯޗުގަލްގެ ތަރި އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރޭގެ މެޗުގައި ކުޅެފައިނުވި ނަމަވެސް މުޅި މެޗުގައިވެސް ޕޯޗުގަލްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްގެ އެހީތެރިކަމާއެކު ޑިފެންޑަރު ޖޮއާއޯ ކަންސެލޯއެވެ.

ދެވަނަ ހާފުގައި ޕޯޗުގަލްއިން ވަނީ ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ރަފައެލް ގުއެރޭރޯގެ އެހީއާއެކު ޑިއޯގޯ ޖޮޓާ ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު ތިންވަނަ ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ޒުވާން ތަރި ފެލިކްސްއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެ ލަނޑު ފެނިގެންދިޔައިރު، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ބްރޫނޯ ޕެޓްކޮވިޗް ވަނީ ކްރޮއޭޝިއާއަށް ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން އަންދްރޭ ސިލްވާ ކާމިޔާބު ކޮށްދިން ލަނޑާއެއިއެކު މެޗު ނިމިގެން ގޮސްފައިވަނީ 4-1 ގެ ނަތީޖާއިން ޕޯޗުގަލް މޮޅުވެގެންނެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސް ރޭ އެ ޓީމުން ކުޅުނު މެޗު ސްވިޑެންއާއި ބައްދަލުކޮށް ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފޯވާޑް ކީލިއަން އެމްބާޕޭއެވެ.

އިންގްލެންޑުން ރޭ ކުޅުނުމެޗު ކާމިޔާބު ކޮށްފައިވަނީ އައިސްލެންޑާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެ ރަތްކާޑު ފެނިގެން ގޮސްފައިވާއިރު މެޗުގެ 70 ވަނަ މިނިޓްގައި އިންގްލެންޑްގެ ކައިލް ވޯކާއަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އައިސްލެންޑްގެ ޑިފެންޑަރު ސްވެރީ އިންގަސަންއަށް ވެސް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ.

އިނގްލެންޑުން މެޗުގައި ޖެހި ހަމައެކނި ލަނޑު ލިބުނު ޕެނަލްޓީއަކުން މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ކާމިޔާބު ކޮށްދީފައިވަނީ ރަހީމް ސްޓާލިންއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު އިތުރު ބައެއް މެޗުތަކުގެ ނަތީޖާ

ނޯތު މެސަޑޯނިއާ 2 – 1 އާމޭނިއާ

ގިބްރާލްޓާ 1- 0 ސަންމަރީނޯ

އަޒަރުބައިޖާން 1 – 2 ލަކްޒެމްބާގް

ސައިޕްރަސް 0 – 2 މޮންޓެންގްރޯ

އެސްޓޯނިއާ 0 – 1 ޖޯޖިއާ

ޑެންމާކު 0 – 2 ބެލްޖިއަމް

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ސްޕެއިން އާއި ޔުކްރެއިން ބައްދަލު ކުރާއިރު ސްވިޒަލޭންޑް ބައްދަލު ކުރާނީ ޖަރުމަނާއެވެ. މި މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 23:45 ގައެވެ.