''ފަރު ފަސްގަނޑު އުތީމު ބަދަހި ދަތުރު" އަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަ، ނަމޫނާ ދަތުރެކެވެ. ހއ. އުތީމުގެ އުމުރުން 35 އަހަރުން މަތީގެ ފަންސާހަކަށް ފިރިހެނުން އެކުވެ، އިއްޔެ ކުރި މިދަތުރަކީ އެހެން ރަށްތަކުގެ މި އުމުރުފުރާގެ މީހުންވެސް ނަމޫނާއަކަށް ބަލައި ތަޖުރިބާކޮށްލަން ރަނގަޅު ދަތުރެކެވެ.
މި ދަތުރުން ލިބޭ މެސެޖު ބާރުގަދައެވެ. ދަތުރާއި މެދު ވިސްނުން ހިންގާލުމުން މި ފަދަ ދަތުރެއްގެ މުހިންމުކަމާއި، މި ފަދަ ދަތުރަކުން ހާސިލްވާނެ ބަދަހިކަމަކީ ވަރަށް މުހިންމު ކަންކަމެވެ. އެކަންކަން ވަޒަން ކޮށްލެއްވުމަށް އިއްޔެ އުތީމު 35 އަހަރުން މަތީ ފިރިހެންވެރިން ކުރި "ފަރު ފަސްގަނޑު އުތީމު ބަދަހި ދަތުރު" ގެ ވާހަކަ ކިޔާލަމާ ހިންގަވާށެވެ.
ފަރު ފަސްގަނޑަކީ ހއ. އުތީމާއި، ހއ. ދިއްދޫއާއި ދެމެދު އޮންނަ ގުދުރަތީ ކުޅަދުންވަންތަކަމުގެ މިސާލެކެވެ. މި ފަސްގަނޑަކީ ރީތި ހިތްގައިމު ފަސްގަނޑެކެވެ. އެއީ ސާފު މޫދާއި، ހުދު ދޮންވެލީގެ މަންޒިލެކެވެ.
އިއްޔެ ދަތުރުގެ ބައިވެރިން ދަތުރު ދިއުމަށްޓަކައި އުތީމުން ފުރީ ހެނދުނު 7:30 ހާއިރުއެވެ. ވިއްސަކަށް މިނެޓުގެ ދަތުރަކަށްފަހު ފަރު ފަސްގަނޑަށް ދަތުރުގެ ބައިވެރިން ފޯރިއެވެ. ފަރު ފަސްގަނޑަށް ފޯރުމާއިއެކު، އެއްބަޔަކު ފަސްގަނޑުމަތީ ޓެންޓުޖެހިއެވެ. އަނެއް ބަޔަކު ފުރީ މަސް ބާނާށެވެ.

މިހިސާބުން ކުރިއަށް ޖެހިލާނީ ދަތުރުގެ މަގުސަދަށްވެސް ކަޅި ހިންގާލައިފައެވެ. ދަތުރާއި ބެހޭ މަޢުލޫމާތު "ތިލަދުން" އަށް ހިއްސާކޮށް ދެއްވީ، އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. ރަޝީދަކީ އެ ދަތުރުގެ ބައިވެރިއެއްވެސް މެއެވެ.
ރަޝީދުވިދާޅުވީ އެ ދަތުރަކީ ރަށުގެ ދެ މީހަކު އިސްނަގައިގެން ބޭއްވި ދަތުރެއް ކަމަށެވެ. އުތީމު ޕާމްސައިޑް، މުޙައްމަދު ރަޝީދާއި އަދި އެރަށު ފަރިވާގެ މުސްތަފާ މުޙައްމަދުގެ މޭސްތިރިކަމުގެ ދަށުން ރޭވުނު މި ދަތުރުގައި އެރަށު ރަޙްމާނީ ހިޔާ އަޙްމަދު ޙަސަންގެ އިސްނެންގެވުމާއި އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނެވެ.

" މިދަތުރަކީ ކުރިންވެސް ދޭތެރެ ދޭތެރެއިން ކުރާ ދަތުރެއް، މިފަހަރު މިކުރީ ވަރަށް ގިނަ ދުވަސްތަކަކަށް މެދު ކެނޑުމަށްފަހު، އާންމުކޮށް ރަށުގެ ޒުވާނުން ދަތުރުތައް ގޮސް މިހަދަނީ، އޯވަނައިޓްތައް ވެސް ހަދާ އެވެރިން، މި އުމުރު މީހުންނަށް މި ފަދަ ފުރުޞަތުތައް މަދުކޮށް މިއޮންނަނީ، އެހެންވެ މި އުމުރު ފުރާ މީހުންނަށް މި ފުރުޞަތު ހޯދައިދީ، އެކުވެރިކަން އާލާ ކުރުމަށް ކުރެވުނު ދަތުރެއްމީ، ރަށަށް އާންމުކޮށް ހުޅުވާލިން ބައިވެރިވާން، ކޯވިޑްގެ ދުވަސްވަރުވީމަ ގިނަ ބަޔަކުވެސް ރަށުގައި އެބަތިބި، ފަންސާހަކަށް މީހުން ބައިވެރިވި" ރަޝީދު ވިދާޅުވިއެވެ.

"އުތީމު ބަދަހި ދަތުރު"ގެ ނަމުގައި ރޭވި މި ދަތުރުވެސް ފުރަތަމަ ރޭވީ އޯވަނައިޓަކަށް ދާން ކަމަށް ރަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ހުރަހަކަށްވީ މޫސުމެވެ. ނަމަވެސް އެ ދަތުރުން ހާސިލް ކުރަން ބޭނުންވި ނަތީޖާ ކިތަންމެ ރަނގަޅަކަށް ވެސް ހާސިލްވި ކަމަށް ރަޝީދު ވިދާޅުވިއެވެ.
"އެއްރަށުގައި އުޅުނަސް ދިމާނުވެ ބައްދަލުނުވާ އެތައް ބަޔަކު އެބަތިބި، މި ދަތުރުން އެމީހުން ބައްދަލުވެ، ވާހަކަ ދައްކައި، މަޖާކޮށްލައި، އެކުވެރިކަމުގެ ގުޅުން ވަރުގަދަ ވެގެން ދިޔަ، ދުރުވެފައިވާ ގުޅުން ކައިރިވެގެން ދިޔަ، އެންމެން މޫދަށް އެރިލައި، ސަމާސާކޮށް އުފާވެރި މާހައުލެއް އޮތީ މުޅި ދަތުރުގައިވެސް" ރަޝީދު ވިދާޅުވިއެވެ.
"އުތީމު ރަށްޔިތުންނަކީ ޒަމާނުއްސުރެ ވަރަށް އެކުވެރި، އެއްބައި ވަންތަބައެއް، މި ދަތުރަކީ އިޖުތިމާއީ ގުޅުން ބަދަހި ވެގެން ދިޔަ، ދޭދޭ ގުޅުންތައް އަލުން ބަދަހިކުރުވި ވަރަށް މުހިންމު ދަތުރެއް"
ރަޝީދު ވިދާޅުވިއެވެ.

ދެން ދަތުރުގެ ވާހަކަ ދައްކާލަމާ ހިންގަވާށެވެ. ދަތުރުގައި ހެނދުނު ނާސްތާއަކަށް ހުރީ އަވެލި މޮޑެފައެވެ. ނުވަގަޑި ސަޔަށް ތައްޔާރު ކޮށްލީ "މަސާލާ" ސަޔެކެވެ. މެންދުރުގެ ކެއުމަށް މުގުރިހަ، ހަނާކުރިކުކުޅު، ތަރުކާރީ ބަތް، އާދައިގެ ބަތް، ފިހުނު މަސް ހުއްޓެވެ. ހަވީރު ސަޔަށް ޚާއްޞަކޮށްފައި ހުރީ ދޮންކޭލާއި، ކުކުޅުބިހާއި ބިސްގަނޑެވެ. މެންދުރަށް ބާބަކިއު ހެދިއިރު، މަސްބޭނީ ފަސްގަނޑު ކައިރިންނެވެ. ފިލޮޅާއި، ގިއުޅުފަދަ މަސްތައް ބޭނިއެވެ.

ދަތުރުގެ އެންމެ ޚާއްޞަ އެއްކަމަކީ އެންމެން ޖަމާއަތުގައި މެންދުރު ނަމާދާއި އަސުރު ނަމާދު ކުރުމެވެ. ފަސްގަނޑު މަތީ ޖަމާއަތުގައި އެންމެން ނަމާދު ކޮށްލުމަކީ ދަތުރުގެ ބައިވެރިންނަށް ލިބުނު ތަފާތު އުފަލެކެވެ. ދަތުރުގެ ވަގުތުތައް ހޭދަވީ އުފާވެރިކަމުގައެވެ. ޖޯކު ކިޔުމާއި، ފުޓްބޯޅަ ކުޅުމާއި މޫދު ކުޅިވަރުތައް ކުޅުންވެސް އެ ދަތުރުގައި އޮތެވެ.

އުތީމުގެ އިޖުތިމާއީ ދުޅަހެޔޮކަމަށް ދަތުރުން އާރޯކަން ގެނުވިއެވެ. ދަތުރުގެ ބައިވެރިންގެ ޝުކުރު ވަނީ އެ ދަތުރަށް އެކިގޮތްގޮތުން އެހީތެރިވި އެންމެނަށް ޚާއްޞަ ކޮށްފައެވެ. ދަތުރު ނިންމާލާފައި އިއްޔެ ހަވީރު ދަތުރުގެ ބައިވެރިން އެނބުރި އުތީމަށް ދިޔައީ އުފަލުންނެވެ. ދަތުރުން ބަދަހިވި ގުޅުން ދަމަހައްޓަން އަޒުމް ކަނޑައަޅައިގެންނެވެ.
އެބައިވެރިންގެ އިތުރު ނިންމުމެއްވެސް އެބައޮތެވެ. މާތްﷲގެ ވާގިފުޅާއިއެކު އަހަރަކު މަދުވެގެން މިފަދަ "އުތީމު ބަދަހި" ދެ ދަތުރު ބޭއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!