މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، (އެމް.ޖޭ.އޭ) ގެ އައު ހިންގާ ކޮމެޓީ އިންތިޚާބުކޮށްފި އެވެ.

މިއަދު ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެމްޖޭއޭގެ ހާއްސަ ގޮތުން ބޭއްވި އާންމު ޖަލްސާގައި 130 ނޫސްވެރިން ބައިވެރިވި އެވެ. ޒޫމް މެދުވެރިކޮށް ބައްދަލުވުން ކުރިއަށް ގެންދިޔަ ނަމަވެސް ވޯޓު ނެގީ ޓެލެގްރާމް ގްރޫޕެއްގައި ޕޯލް ހުޅުވައިގެންނެވެ. މި ޖަލްސާއަށް 4 ގަޑިއިރު ހޭދަވިކަމަށް އެ ޖައްމިއްޔާއިން ބުނެފައިވެއެވެ.

Ad
rt

ރައީސް: މުޙައްމަދު ހަމްދޫން

ނައިބު ރައީސް: އަލީ ރިފްޝާން

ހިންގާ ސެކްރެޓަރީ: އަހުމަދު ނާއިފް

ބަޖެޓް ސެކްރެޓަރީ ނުވަތަ ހަޒާންދާރު: ނާޒިމް ޙަސަން

އާންމު މެމްބަރުންގެ ތެރެއިން ހިންގާ ކޮމެޓީއަށް އިންތިޚާބުކޮށްފައިވަނީ:

މުޙައްމަދު ޖުނައިދު

ފާތިމަތު ސާޔާ

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހުރިހާ ނޫސްވެރިންނަށް އެއްތަނަކަށް އެއްވެ ޖަލްސާ ނުބޭއްވޭނެ ހާލަތެއް މެދުވެރިވެފައިވަނިކޮށް އޮންލައިންކޮށް މި އިންތިޚާބު ކުރިއަށްގެންދިއުމަށް ނޫސްވެރިން ދެއްވި އެއްބާރުލުން ފާހަގަކޮށް، އެމް.ޖޭ.އޭއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ރާއްޖޭގެ ނޫސްވެރިންގެ ހައްޤުގައި ވަކާލުކޮށް، މިނިވަން ނޫސްވެރިކަން ދިރުވައި ދަމަހައްޓައި، ކުރިއެރުވުމަށް އަލަށް އިންތިޚާބުވި ހިންގާ ކޮމެޓީން މަސައްކަތް ކުރާނެކަމަށްވެސް އެ ޖައްމިއްޔާއިން ބުނެފައިވެއެވެ.

2009 ވަނަ އަހަރު ވުޖޫދުވި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަކީ ދިވެހި ނޫސްވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވަކާލާތުކޮށް، މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ޕްރޮމޯޓްކުރުމަށްޓަކާ އުފެއްދި ޖައްމިއްޔާއެކެވެ. އެ ޖައްމިއްޔާގެ ފަރާތުން ނޫސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކޮށް، ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ކިޔެވުމުގެ ހޯދައިދީފައިވެއެވެ.

އެމް.ޖޭ.އޭގެ ހިންގާ ކޮމެޓީއެއް އެންމެފަހުން އިންތިޚާބުކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހުން 2014 ވަނަ އަހަރުވެސް ހިންގާ ކޮމެޓީއެއް އިންތިޚާބުކުރުމުގެ މަސައްކަތް އެ ޖައްމިއްޔާއިން ކޮށްފައިވެއެވެ. ނަމަވެސް އެފަހަރު އިންތިޚާބު ބޭއްވޭގޮތްނުވެ، ޖައްމިއްޔާގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު، އައު ހިންގާ ކޮމެޓީއެއް އިންތިޚާބުކޮށްފައި މިވަނީ އެ ޖައްމިއްޔާގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 13ގެ ކުރިން ބޭއްވުމަށް ޔޫތް މިނިސްޓްރީން އަންގާފައިވަނިކޮށެވެ.