އެސްޓީއޯއިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.
އެސްޓީއޯގެ މީޑިއޯ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު "ތިލަދުން" އަށް ވިދާޅުވީ އެ ކުންފުނިން އާންމުންނަށް ވިއްކާ ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި އެސްޓީއޯއިން ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އެކުންފުނިން އާންމުކޮން އަންގާ އިޢުލާން ކުރާނެކަމަށެވެ. އެސްޓީއޯއިން އަންނަނީ މީގެ ކުރިންވެސް ތެލުގެ އަގު ހެޔޮ ވިޔަސް އަދި އަގު ބޮޑުވި ކަމުގައި ވިޔަސް އެކަން އާންމު އުސޫލުގެ ތެރެއިން އަންގާ އިޢުލާން ކުރަމުންނެވެ.
"ޝެޑު ތަކުން މީގެ ކުރިންވެސް ތެޔޮ ވިއްކާ އަގަށް އެއް ވެސް ބަދަލެއް ނާދޭ. މަސްވެރިންނަށް ވެސް ކުރިން ވެސް ވިއްކަމުން އައި އަގަށް ތެޔޮ ލިބޭނެ"
އަބްދުﷲ ވިދާޅުވި އެވެ.
މީގެ އިތުރުން އެސްޓީއޯއިން މިއަދު ކުރި ޓުވިޓެއްގައި ބުނެފައިވަނީ އެ ކުންފުނިން ފިއުލް ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިކަމަށް ބުނެ މިއަދު ވަނީ ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފަ އެވެ.
އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިއަހަރުގެ މާޗް މަހު އެވެ. ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލީޓަ ރަކުން 1.53ރ. ހެޔޮ ވެގެން ދިޔަ އެވެ. މި ބަދަލުގެ ސަބަބުން ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 8.71ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ 8.07ރ. އެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ފަހުގެ ތާރީހުގައި އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ.
މިހާރު ނޫހުގަ ދޮގު ޚަބަރެއް ޖެހީމަ މިއޮތީ ކޮޕީ ޕޭސްޓްކޮށް ހެޑްލައިނެއް ޖަހާފަ. ނޫސްވެރިކަން ކުރި އަރާނީ ޒިންމާދާރު ގޮތެއްގަ ނޫސްވެރިކަން ކޮށްގެން.
މިކަމާއި ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ކުރެއްވި ޓުވިޓެއްގައި ބުނެފައިވެ އެވެ.
އެމްޑީ އަމްރު ޓުވީޓު ކުރައްވާފައިވަނީ "ޕެޓްރޯލް އާއި ޑީސެލްގެ އަގު ބޮޑުކޮށްފި" މިސުރުހީގެ ދަށުން ގެނެސްދީފައިވާ ހަބަރެއް ހިމެނުމަށް ފަހު އެވެ. އެހަބަރުވެސް އަދި މިހާރު ނޫހުން ގެނެސްދީފައިވާ ހަބަރުވެސް ވަނީ މިހާރު އެނޫސްތަކުން ނަގާފަ އެވެ.
ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުތަނުން ވެއްޓިފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 44.69 ޑޮލަރަށެވެ. ތެލަށް އޮތް ޑިމާންޑް ބޮޑުތަނުން ދަށްވެފައިމިވަނީ ކޯވިޑް-19 ގެ ބަލީގެ ސަބަބުން ދަތުރު ފަތުރު ހުއްޓިފައި ވާތީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!