ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލާއިގައި އެ ސްޓޭޝަނުން މައާފަށް އެދިއްޖެ އެވެ.
އެމައްސަލާގައި ޗެނަލް13 އިން މައާފަށް އެދިފައިވާއިރު، އެ މައްސަލަ ބަލާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވަނީ ބުނެފައެވެ.
އެމައްސަލާގައި މާފަށް އެދެމުން ޗެނަލް13 އިން ބުނެފައި ވަނީ ބުރާސްފަތި ދުވަހު މެންދުރު 13:00 ގައި އެ ޗެނަލުން ބްރޯޑްކާސްޓު ކުރި "ރައްޔިތުންގެ އަޑު" ޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތް ކޮށް، އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.
"އެމީހާ އެހެން ބުނުމާއެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލާފައެވެ. އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދެމެވެ." އެ ސްޓޭޝަނުން ބުނެފައި ވެއެވެ.
ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށް ވެސް އެ ސްޓޭޝަނުން ވަނީ ބުނެފައެވެ.
ރައީސް ޞާލިޙްގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ވާހަކަ ޗެނަލް13 އިން ލައިވް ކުރި މައްސަލަ ބަލާނެ ކަމަށް ބްރޯޑްކޮމް އިން ރޭ ވަނީ ބުނެފައެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް މީހަކު ދެއްކި ވާހަކަ ޗެނަލް 13އިން ލައިވް ކޮށްފައިވާތީ، ކޮމިޝަންގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެން، ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމުގައި ދަންނަވަމެވެ." ބްރޯޑްކޮމް އިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!