އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް އަލުން ހުޅުވަން ނިންމާފައި ވީނަމަވެސް، ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދޭނީ ގްރޭޓާ މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފިއެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވަން ނިންމުމާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކޯވިޑް19 ފެތުރޭ މިންވަރަށް ބަލާއިރު އެ ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ނުހުޅުވޭނެ ކަމަށެވެ.

Ad
rt

އެހެން ނަމަވެސް މާލެ ސަރަހައްދުގައި މީހުން ޕޮޒިޓިވްވާ މިންވަރު ފަސް ޕަސެންޓަށްވުރެ ދަށްވެއްޖެނަމަ، ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު ދެވިދާނެ ކަމަށް އެޗްޕީއޭއިން ލަފާދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓްހައުސްތައް ހުޅުވަން ނިންމި ނަމަވެސް މިއީ ގޮންޖެހުން ބޮޑު ނިންމުމެއް ކަމަށާއި، ނަމަވެސް މިކަން ދައްކަން ބޭނުން ވަނީ ދުނިޔެ އަށް ނަމޫނާ އަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓުހައުސްތައް އަލުން ހުޅުވުން ފުރިހަމަ ކޮށްދިނުމަށް އެޗްޕީއޭއާއި ޓޫރިޒަމް އިންޑަސްޓްރީއާއި އަދި ރައީސް ޞާލިޙް ކުރެއްވި މަސައްކަތްތަކަށް ޝަކުރު އަދާކުރަށް ވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތުގައި އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

"ގެސްޓްހައުސް ހުޅުވާލުން ދައްކަން ބޭނުންވަނީ ރޯގާ ބަލިމަޑުކަމުގެ ތެރޭގައި ވެސް އިގްތިސޯދީ ހަރަކާތެއް ހިންގިދާނެކަން. މިސާލެއްގެ ގޮތުގައި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު އަމަލުކުރަން ޖެހޭ ގޮތްތަކާ ބެހޭ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއްވިއިރު މިހާރު ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ގެސްޓްހައުސް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ އާންމުންގެ ހިޔާލު ހޯދައިގެން، ކައުންސިލުން އެކަމަށް އެއްބަސްވުމުންނެވެ.

ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީން އެންމެ ފުރަތަމަ ދޫކުރާނީ ކޮންޑިޝަނަލް ޕާމިޓެއް ކަމުގައި ނިންމާފައިވާއިރު، ގެސްޓްހައުސް ހުޅުވާ ރަށެއްގައި ގެސްޓުން ކަރަންޓީންކޮށް އަދި އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހުންނަން ޖެހެ އެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށް ޓްރާންސްޕޯޓުގެ ހިދުމަތް ހާއްސަކޮށްފައި ވެސް ހުންނަން ޖެހެ އެވެ.

އެރަށެއްގައި ކޯވިޑް ޓާސްކް ފޯހެއް އޮންނަން ޖެހޭއިރު އެ ޓާސްކް ފޯހުގެ ކެޕޭސިޓީ ކަނޑައަޅާނީ އެޗްޕީއޭއިން ނެވެ. ރަށްރަށުގައި ހުންނަ ހޮޓާ/ ކެފޭ އަދި ރެސްޓޯރެންޓު ވެސް އެޗްޕީއޭގެ ގައިޑްލައިންސްއާ އެއްގޮތަށް ހުންނަން ޖެހޭއިރު އެރަށްރަށުގައި ފްލޫ ކްލިނިކެއް ހުރުމާއި، އަދި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުންނަން ޖެހެއެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް ކޯވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ.