ރާއްޖޭގެ ގައުމީ ފުޓުބޯޅަ އަންހެން އަދި ފިރިހެން ޓީމަށް ޔޫއެއީ އާއިއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.

މި މެޗުތައް ކުޅުމަށް ހަމަޖެހިފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން، ފީފާ އާއި އޭއެފްސީން މަޝްވަރާ ކުރުމަށްފަހު ޤައުމީ ފިރިހެން ޓީމަށް މި އަހަރުއޮތް ފީފާ ވަރލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ މެޗުތައް ވެސް އަންނަ އަހަރަށް ފަސްކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

ޔޫއޭއީ އާއި އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ހަމަޖެހުނީ މިދިޔަ މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި ޔޫއޭއީގެ އެފްއޭގެ ރައީސް ރަޝީދު ބިން ހުމައިދް އަލް ނައުމީ އާއެކު ބޭއްވި ބައްދަލުވުމަށްފަހުގައެވެ.

ބައްސާމް ވިދާޅުވީ މިދިޔަ 12 ވަނަ ދުވަހު ޔޫއޭއީގެ އެފްއޭގެ ރަޢީސް އާއިއެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، އަދި މީގެ އިތުރުންވެސް ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ތަރައްގީކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީ ކުރުމަށާއި، ދިވެހި ކޯޗުންނާއި ރެފްރީންނަށް ފަހި ފުރުސަތުތަކެއް ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

ބައްސާމް ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ކުޅިވަރު ހަރަކާތްތަށް ހުއްޓިފައި އޮތުމުންނާއި، ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން އަދި މި މެޗުތަށް ކުޅޭނެ ތަރީހެއް ކަނޑައަޅާފައި ނުވާކަމަށެވެ. ނަމަވެސް ޔޫއޭއީއަކީ އޭޝިއާގެ ވަރުގަދަ ގައުމަކަށް ވުމުން، އެގައުމާއިއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ލިބުމަކީ ގައުމީ އަންހެން އަދި ފިރިހެން ޓީމަށްވެސް ލިބުނު ރަނގަޅު ފުރުސަތެއްކަން ބައްސާމް ފާހަގަކުރެއްވިއެވެ.