މަސައްކަތް ކުރަމުން ދަނީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު ގޮތް ހޯދައިދީ، ހަމަ އަގު ހޯދައި ދިނުމަށް ކަމަށާއި، އެކަން ހާސިލް ކުރެވޭނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރެވިގެން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާޢީ އެހެން ވިދާޅުވީ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި "ބޮޑު ކަންނެލި މަސްވެރިންނަށް ހަމަ އަގު ކަނޑައަޅައި ދިނުމާއި، ކަންނެލި މަސްވެރިންގެ އެންމެހައި އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުން ހުށަހަޅާ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު" އަށް ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރާޢީ ވިދާޅުވީ އޭނާ ގަބޫލުކުރަށްވާ ގޮތަކީ އެމް.ޑީ.ޕީގެ ފުލްޕްލެޖު މެނިފެސްޓޯ ތަންފީޒުވެގެން ނޫނީ މަސްވެރިންނަށް ހޯދައިދޭން ބުނި އުފަލާއި، އަރާމާއި، ގެނެސްދޭން އުޅޭ ބަދަލެއް ގައިމު ވެސް އެ މަސްވެރިންނަށް ނުލިބޭނެ ކަމަށެވެ.

ކޯވިޑުގެ ތެރޭގައި މުޅި ރާއްޖޭގައި ފެތުރިގެންދިޔައިރު ވެސް ހަމައެކަނި ނުހުއްޓި ހިނގި އިންޑަސްޓްރީއަކީ މަސްވެރިކަމުގެ ސިނާއަތްކަން ފާހަގަ ކުރަށްވާ ރާޢީ ވިދާޅުވީ ދުވަހަކުވެސް މަހަށް ނުދާ މީހުން ވެސް ކޯވިޑްގެ ހާލަތާއި ގުޅިގެން މަހަށް ދާން ފެށިކަމަށެވެ.

އެ އިންޑަސްޓްރީއަށް ބަދަލު ގެނެވެން އަންނަނީ، އެމް.ޑީ.ޕީން ހޮޅުއަށިތަކުގައި ކިޔައިދިން މެނިފެސްޓޯ ތަންފީޒުކުރެވިގެން ކަމަށާއި، އެކަން ތަންފީޒުކުރެވޭނީ އެމް.ޑީ.ޕީގެ ވަޒީރަކު މަސްވެރިކަމާއިބެހޭ މިނިސްޓްރީއަށް ލައިގެން ކަމަށް ރާޢީ ވިދާޅުވިއެވެ.

"މިއީ އޭ.ޓީ.އެމާ ގުޅުންހުރި ކަމެއް ނޫން. މި އުޅެނީ އެ މީހުންނަށް ރަނގަޅު ހަމައަގު ހޯދައިދޭން އޭ.ޓީ.އެމްތައް އަޅައިގެން ވެސް އަދި އެ އަގެއް ނުހޯދޭނެ. އެހެންވީމާ، އެ މީހުންގެ ކަންބޮޑުވުންތައް ވަރަށް ގިނަ. އަޅުގަނޑަކީ
ދޯނިފަހަރަށް އަރާ މީހެއް. އުޅޭ ގޮތް ފެނޭ. އެ ވާހަކަތައް ފެނޭ. ނޫހުގެ ސުރުޚީތަކުން ފެނޭ. ޓީވީންފެނޭ."

ރާޢީ ވިދާޅުވިއެވެ.

"މި ތަނުގެ ވަރަށް ބައިވަރު މެންބަރުން އެ ވާހަކަ ދައްކައިފި. އަޅުގަނޑުމެންނާ އިދިކޮޅު ޕާޓީގެ މެންބަރުން ވަރަށް ތަފްސީލުކޮށް އަޅުގަނޑުމެންނަށް އެކަން ނުކުރެވެނީ ކީއްވެކަން ވެސް ބުނެދީފި. އެ ބޭފުޅުން ބުނާ ގޮތުގައި އެމް.ޑީ.ޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރާތީވެ އެކަން ނުކުރެވެނީ." ރާޢީ ވިދާޅުވިއެވެ.

އެ ރިޕޯޓަށް ހިތާއި ރޫހުން، ފުރާނައިން ސަޕޯޓުކުރަށްވާ ކަމަށާއި، ނަމަވެސް އެ ހެޔޮ ބަދަލު ގެންނަން އެދޭ ނަމަ ޤައުމުގައި މަސްވެރިންނަށް ހެޔޮއެދޭ ވެރިން ވެސް ވިސްނަން އެދޭ ކަމަށާއި، ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އަމަލުން އެކަން ނުދެކެންޏާ ބޭނުންވާ ލަނޑު ދަނޑި ހާސިލް ނުވާނެ ކަމަށް ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ މަސްވެރިންނަށް ހެޔޮގޮތް ވާން އެދޭ ކަމަށާއި، އެސިނާއަތު ކުރިއަރައި، މަސްވެރިންގެ ޖީބަށް ހަމައަގު ވަންނަން އެދޭ ކަމަށެވެ. އެ ނަތީޖާ ހޯދުމަށް ސަރުކާރުގެ މެނިފެސްޓޯއަކަށް ވާންޖެހެނީ ސީދާ އެމް.ޑީ.ޕީގެ މަސްވެރިކަމުގެ މެނިފެސްޓޯއަށް ކަމަށެވެ. އަދި އެކަން ވާނީ، އެ ބަދަލު ގެނެވޭނީ އެމް.ޑީ.ޕީގެ ވަޒީރަކު ލައިގެން ކަމަށް ރާޢީ ތަކުރާރުކޮށް ވިދާޅުވިއެވެ.