ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލަށް ކޮމިޓީގެ މަރުޙަލާގައި ގެނެސްފައިވާ އިސްލާޙް ތަކަކީ ރިސޯޓް ބޯއީސްއަށް ގެނެސް ދެވޭ އިސްލާޙްތަކެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި އިޖުތިމާއީ ކޮމެޓީއާއި އަދި އިޤްތިޞާދީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީއިން ދިރާސާކުރި ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށް ވަމުންނެވެ.
ޝިފާޢު ވިދާޅުވީ އެ ބިލް އެ ކޮމެޓީތަކުން ފާސްކުރެވިފައި ވަނީ ވަރަށް ބޮޑަށް މަސައްކަތްތެރިންގެ ކަންބޮޑުވުން ތަކަށް ހައްލު ލިބިގެންދާ ގޮތަށް ކަމަށެވެ. އެ ބިލް ދިރާސާކުރެއްވިއިރު ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ އަޑު އަހައި ފުޅާ ދާއިރާއެއްގައި ޚިލާލު ހޯދިފައި، އެ ޚިޔާލުތަކަށް ފުރުޞަތު ދެވިފައިވާ ކަމަށް ޝިފާޢު ވިދާޅުވިއެވެ.
ވަކިން ޚާއްސަކޮށް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ކަންބޮޑުވުން ތަކަށް އެ ބިލުގައި ހައްލު ހޯދުމަށް އެ ބިލުގައި ކަންކަން ހިމެނިފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.
"ކުރުގޮތަކަށް ދަންނަވަންޏާ ދެންނެވިދާނެ މިފަހަރު ވަޒީފާއާއިބެހޭ ޤާނޫނަށް މިގެނެވޭ އިސްލާޙްތަކަކީ ރިސޯޓް ބޯއީސްގެ އިސްލާހް ތަކެކޭ، ރިސޯޓު ބޯއީސް ވަރަށް ބޮޑަށް ބޭނުންވާނެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވިގެން، ވަކިން ޚާއްޞަކޮށް އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވޭ ސާވިސް ޗާޖަކީ ޒަމާނުއްސުރެ ރިސޯޓް ބޯއީސްގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތްކަމެއް، މި ޤާނޫނުގެ ދަށުން ރިސޯޓެއްގައި ދޭ ކޮންމެ ޚިދުމަތަކުން 10 ޕަސެންޓް ސާވިސް ޗާޖް ނަގަން މަޖުބޫރުކޮށް، އެ ސާވިސް ޗާޖްގައި ރިސޯޓު އޯނަރުންނަށް އަތް ނުލެވޭ ވަރަށް މިބިލްގައި މާއްދާތައް ހިމަނާފައި އެބަހުރި" ޝިފާއު ވިދާޅުވިއެވެ.
ޝިފާޢު ވިދާޅުވީ ރިސޯޓެއްގައި ކޮންމެ ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކަށް ވެސް ސާވިސް ޗާޖު ދިނުން މި ބިލްގެ ދަށުން ލާޒިމް ވާނެ ކަމަށެވެ. މިބަދަލުގެ ސަބަބުން މުވައްޒަފުންނަށް ވަރަށް ބޮޑު މާލީ މަންފާއެއް ލިބި، ރަނގަޅު މުސާރައެއް ލިބި ޢާއިލާތަކަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާޢު ވިދާޅުވީ މިބިލްގައި 50 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ކުންފުނިތަކުގައި ސީނިއަރ މެނޭޖްމަންޓުގައި 60 އިންސައްތަ ދިވެހި މުވައްޒަފުން ހިމަނަން އޮތުމުންނާއި، އެޗްއާރު ހެޑަކަށް ދިވެއްސެއް ހުރުމަށް އޮތުމުން ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް އިސްކަންލިބި، ދިވެހިންނަށް ލިބޭ ވަޒީފާގެ ފުރުޞަތު ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށެވެ.
2021 ވަނަ އަހަރުގެ ނިޔަލަށް މިނިމަންވޭޖް ތަންފީޒު ކުރަންޖެހޭ ގޮތަށް މި ބިލްގައި އޮތުމަކީ ވެސް އެތައް މުވައްޒަފުންތަކެއްގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!