ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑަށް އާމިނަތު ރުޝްމާ، ހ. މޮސްކޯގެ އިންތިހާބުކުރުމަށް ފާސްކޮށްފިއެވެ.

އެ ކުންފުނީގެ ބޯޑަށް ރުޝްމާ އައްޔަނުކުރަން ފާސްކުރީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެވެ. އެ ޖަލްސާގައި އެ ކުންފުނީގެ 52 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. މީގެތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރު ތިބި 11 މެންބަރުންނާއި ޕްރޮކްސީގެ ޒަރިއްޔާއިން ބައިވެވި 41 ހިއްސާދާރުންނެވެ.

Ad
rt

އެ ޖަލްސާގައި އެސްޓީއޯގެ ބޯޑަށް ރުޝްމާ އައްޔަނުކުރަން ނިންމީ ވޯޓުގައި ބައިވެރިވި 52 ހިއްސާދާރުންގެ އަގުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން އެސްޓީއޯގެ ބޯޑުގައި ތިބި ޑިރެކްޓަރުން ކުރިއަށް އޮތް އަހަރުވެސް އެ މަގާމުގައި ތިބުމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން އެސްޓީއޯއަށް އަންގާފައިވާއިރު، ކުރިއަށް އޮތް ދައުރުގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުންނަކީ، އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ހާމިދު ނަޝީދު މުހައްމަދާއި، މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން އަމްރު މުހައްމަދު ރަޝާދާއި، މުހައްމަދު މިހާދާއި ސިމާދު އިބްރާހިމް އަދި ގައިސް އިސްމާއިލްގެ އިތުރުން އިސްމާއީލް ޖުމައިލް ރަޝީދުއެވެ.

އެ ޖަލްސާގައި ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ވެސް ފާސްކޮށްފައެވެ.

ނިމިދިޔަ 2019 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު އަހަރެވެ. މިގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރު ވެފައެވެ.

އެ ކުންފުނީގެ ސާފު ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު ވަރަށްބޮޑުތަން ވަނީ އިތުރުވެފައެވެ. މިގޮތުން 2018 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނުއިރު، 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާއެވެ.

އެކުންފުނިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 683 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު، 80 އިންސައްތަ އިތުރުއަދަދެެކެވެ.