ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް މިއަދު ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އެވެ. އެ ޖަލްސާގައި އެ ކުންފުނީގެ 52 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. މީގެތެރޭގައި ހިމެނެނީ ޖަލްސާއަށް ހާޒިރު ތިބި 11 މެންބަރުންނާއި ޕްރޮކްސީގެ ޒަރިއްޔާއިން ބައިވެވި 41 ހިއްސާދާރުންނެވެ.

Ad
rt

އެ ޖަލްސާގައި ބައިވެރިވި އާއްމު މެންބަރުގެ ވޯޓުން ހިއްސާއަކަށް 58 ރުފިޔާ ބަހަން ނިންމުމާއެކު، އެ ކުންފުނީގެ ހިއްސާއަކަށް ޖެހޭ އަދަދު 58 ރުފިޔާ ގައި ހިފެހެއްޓިފައި އޮންނަތާ ދެ އަހަރުވީ އެވެ. އެ ކުންފުނިން 2018 ވަނަ އަހަރު ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 58 ރުފިޔާ އެވެ.

ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްވީ، ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 99.99 ޕަސެންޓު އަޣުލަބިއްޔަތުންނެވެ.

އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ މިދިޔަ އަހަރަކީ އެކުންފުންޏަށް ލިބުނު ފައިދާގެ ގޮތުން ރަނގަޅު އަހަރެއް ކަމަށެވެ. އަދި މިދިއަ އަހަރަކީ އެ ކުންފުނީގެ ޖުމުލަ ފައިދާ އެންމެ ބޮޑު އަހަރު ކަމަށް އަމްރު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ޖުމުލަ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން 45 ޕަސެންޓު ލިބިފައިވަނީ ތެލުގެ ވިޔަފާރި ނޫން ވިޔަފާރިތަކުން ކަމަށް އަމްރު ވިދާޅުވި އެވެ.

ނިމިދިޔަ 2019 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރު އަހަރެވެ. މިގޮތުން ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރު ވެފައެވެ.

އެ ކުންފުނީގެ ސާފު ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު ވަރަށްބޮޑުތަން ވަނީ އިތުރުވެފައެވެ. މިގޮތުން 2018 ވަނަ އަހަރު 14 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނުއިރު، 2019 ވަނަ އަހަރުގެ ސާފު ފައިދާއަކީ 303 މިލިއަން ރުފިޔާއެވެ.

އެކުންފުނިން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެސްޓީއޯއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 683 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު، 80 އިންސައްތަ އިތުރުއަދަދެެކެވެ.

މުޅި އެސްޓީއޯ ގްރޫޕްގެ ފައިދާވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރުވެފައި ވާއިރު، 2019 ވަނަ އަހަރު އެސްޓީއޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ނިމުނު އިރު، އެސްޓީއޯ ގުރޫޕުގައި 9 ސަބްސިޑަރީ ކުންފުނި ހިމެނެއެވެ.

އެސްޓީއޯ ގުރޫޕުގައި 9 ސަބްސިޑަރީ ކުންފުނި ތެރެއިން މިދިޔަ އަހަރު އެންމެ ރަނގަޅު އާމްދަނީއެއް ހޯދާފައި ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް އިންނެވެ. އެގޮތުން ތެޔޮ ވިއްކަގެން 6،458 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 77 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މީގެ އިތުރުން ދެން އެސްޓީއޯއަށް އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ރާއްޖެއަށް މުދާ އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ ދާއިރާއިންނެވެ. ޓްރޭޑިންގ އިން 2،646 މިލިއަން ރުފިޔާގެ އާމްދަނީއެއް މިދިޔަ އަހަރު ލިބިފައިވެއެވެ.

މަސްވެރިކަމުގެ ވިޔަފާރިން އެސްޓީއޯ މިދިޔަ އަހަރު 1،359 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ 2018 ވަނަ އަހަރު ލިބުނު އާމްދަނީ އަޅާ ބަލާއިރު، 4 އިންސައްތަ އިތުރު އަދަދެކެވެ.

އިންޝުއަރެންސްގެ ޚިދުމަތް ދީގެން މިދިޔަ އަހަރު 210 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވެއެވެ. އިންޝުއަރެންސްގެ ޚިދުމަތްދީގެން 2018 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 245 މިލިއަން ރުފިޔާއެވެ.