މަސް ނިމޭއިރު ޖީބުގައި ބާކީ ފައިސާ ހުންނަ ވަރަށް ކުރިމަގުގައި ދިވެހި މުވައްޒަފުންނަށް ފަތުރުވެރިކަމުގެ ސިނާއަތު ފަހިވެގެން ދިއުމަކީ އުންމީދު ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މިޑިއާ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިންނަށް ޢާއިލީ ދިރިއުޅުމަށް ފުދޭ ވަރަށް އާމްދަނީ ލިބޭތަން ދެކެން ބޭނުންފުޅު ވާކަމަށެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ އެ ދާއިރާގެ މުވައްޒަފުންގެ ކެތްތެރިކަމާއި، ތަހައްމަލު ކުރަމުންދާ ދަތި އިހްސާސްވެ ވަޑައިގަންނަވާ ކަމަށާއި، އެ ދާއިރާގެ މުވައްޒަފުންގެ ކެތްތެރިކަމަށް ޝުކުރު އަދާ ކުރަށްވާ ކަމަށެވެ. އަދި މިނިސްޓަރު ހުންނެވީ އެ މުވައްޒަފުންނާއި އެކު ކަމަށް ވިދާޅުވިއެވެ.

ކައިރި މުސްތަގުބަލެއްގައި މުވައްޒަފުންގެ އެ ދަތިކަމުން އަރައި ގަނެވޭނެ ކަމަށް އުންމީދުކުރަށްވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ ވިސްނަންވީ މިއަށްވުރެ ދުރަށް ކަމަށެވެ.

"މުސްތަގްބަލްގައި އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަކީ ދިވެހިން މަސައްކަތްކުރާ ހިތްވާ ދާއިރާއިން ފަސޭހަކަމާއިއެކު ވަޒީފާ ލިބޭ އިންޑަސްޓްރީއަކަށް ވެގެންދާނެ، އެވަޒީފާއިން އޭނާއަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ އިންޑަސްޓަރީއަކަށް ވެގެން ދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

"މަސް ނިންމާލާއިރު އޮންނަންޖެހޭނެ ޖީބުގައި ރުފިޔާގެ ބާކީ، ޖީބުގައި ބާކީ ރުފިޔާ ހުރިވަރެއް ރަނގަޅުވާނީ ހަމަޖެހޭ ދިރިއުޅުމަކަށް"

މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދޅުވީ ގިނަ ފަހަރަށް އެ އިންޑަސްޓްރީއަށް ދިވެހިން ވަންނަނީ ވަރަށް ޅަ އުމުރުގައި ކަމަށެވެ. އަދި އެގޮތަށް މަސައްކަތަށް ނުކުންނަ ދެ ޖިންސްގެ ޒުވާނުން ދިރިއުޅެއް ފަށާއިރު އެކަށޭނަ އާމްދަނީ ނުލިބުމުން ދިރިއުޅުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.

" ޢާއިލީ ދިރިއުޅުމަކަށް ހެޔޮވަރަކަށް އިންޑަސްޓްރީއިން މުސާރަ ލިބޭނެ ގޮތެއް ވާންޖެހޭނެ، އަޅުގަނޑުމެން ޤަބޫލު ކުރަނީ ވަޒީފާގެ ބާޒާރުގައި ދިވެހިން އުފައްދާ ވާދަވެރިކަމުގެ ސަބަބުން ކުރިއަށް އޮތްތާނގައި އެވަރަށް ލިބޭނެ""

މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް އެތައް ވަޒީފާގެ ފުރުޞަތެއް އޮތްކަން ފާހަގަ ކުރަށްވާ މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުގެ މަތީ ފަންތީގެ ވަޒީފާ ދިވެހިންނަށް ލިބޭނެ ގޮތަށް މަގުފަހިކުރުމުން ދިވެހިން އެ ވަޒީފާތަކަށް ދާހިތްވާނެ ކަމަށާއި، އޭރުން އެކަމުގެ ހެޔޮ އަސަރު ދިވެހި އިގްތިޞާދަށް ކުރާނެ ކަމަށެވެ.

"ވަޒީފާއެއް އަދާކުރަން ކިހިނެއްތޯ އުޅޭނީ، އޭނާއަށް އެ މަހެއްގެ ކަންތައް ހަމަޖައްސާލެވޭ ވަރަށް ފައިސާ ނުލިބެންޏާ، އެކަހަލަ ވަޒީފާއެއްގައި ކިހިނެއްތޯ އުޅޭނީ"

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސް ނިންމާލާއިރު އެކަށޭނަ އާމްދަނީއެއް މުވައްޒަފުންނަށް ލިބެން ޖެހޭނެ ކަމަށެވެ. އަދި އިންޑަސްޓްރީގައި އުފެދޭ ވާދަވެރިކަމުން އެކަމަށް ހައްލު ލިބެންޖެހޭ ކަމަށާއި، އަދި އެކަންކަން ރެގިއުލޭޓް ކުރެވޭނެ ގޮތެއް އޮންނަން ވާނެކަން ފާގަކުރަށްވާ މިނިސްޓަރު ވިދާޅުވީ މާޒީއަށް ބަލާފައި ސަރުކާރުން އެކަންކަމުގައި ކުރިމަގުގައި ބަސްބުނާނެ ކަމަށެވެ.