ކޯވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެކަހެރިވެ ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައި ދޭންޖެހޭގޮތަށް ހިމަނައި، އަދިވެސް އިތުރު ބަދަލުތަކާއިއެކު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު އިޖުތިމާއީ ކޮމިޓީއިން ފާސްކޮށްފި އެވެ.
އެ ބިލުގައި ބުނެފައި ވަނީ ކޯވިޑްއާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. އަދި މި ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް އެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވާއިރު، މި ހާލަތާއި ގުޅިގެން އަޅާ ފިޔަވަޅަކާއި ގުޅިގެން ދަތުރު ފަތުރަށް އަންނަ ހުރަސްތަކާއިއެކު ވަޒީފާއަށް ދިއުމަށް ހުރަސް އެޅޭފަރާތްތަކަށް ވެސް މި ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.
ކޯވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެފަރާތެއް ހުރި ވަގުތެއްގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅާ ފިޔަވަޅަކާއި ގުޅިގެން އޭނާ ވަޒީފާއަށް ނުކުންނަން ޖެހޭ ތާރީހަށް އޭނާ ވަޒީފާ އަދާކުރާތަނަށް ނުދެއްވިއްޖެ ނަމަ އޭނާ ވަޒީފާއަށް ހާޒިރުނުވެ ހުންނަން ޖެހުނު މުއްދަތުގައި މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހުމަކާ ނުލައި މުސާރަލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ވާނެ." ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ވާނެ ކަމަށްވެސް އެބިލުގައި ވަނީ ބުނެފަ އެވެ. އެގޮތަށް ޗުއްޓީދޭން ޖެހެނީ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުންނެވެ.
ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާއިރު، މި ހާލަތާއި ގުޅިގެންދޭ ހާއްސަ ޗުއްޓީގެ ދުވަސްތައް އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ކޯވިޑްގެ ހާލަތުގައި ވަޒީފާއިން ވަކިނުކުރެވޭނެ ހާލަތްތަކެއް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ދިނުމަށް ވަޒީފާ އަދާކުރާ ފަރާތުން އެއްބަސްވެފައިވާ މުއްދަތު ފަސްކުރުން، އަދި އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމުގެ އިތުރުން ވަޒީފާއިން ވަކިކުރުން ހިމެނެ އެވެ.
ނަމަވެސް ކޯވިޑް-19 އިގެ ސަބަބުން ނުރަނގަޅު އަސަރުކޮށްފައިވާ ނަމަ ވަޒީފާދޭ ފަރާތަށް އެ ފިޔަވަޅުތައް އެޅޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ތަން ބަނގުރޫޓުވުން ނުވަތަ އާމްދަނީ ދަށްވުން ހިމެނެ އެވެ. ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮސްފައިވާކަން ބަލާ ގަވައިދެއް އެ ބިލު ފާސްކުރާތާ 14 ދުވަސްތެރޭގައި ކަމާބެހޭ މިނިސްޓްރީއަކުން އެކުލަވާލަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ކޯވިޑާއި ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރިބިއުނަލަށް ދިއުމުގެ ހައްގު ބިލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން މުވައްޒަފާ މެދު ފިޔަވަޅު އަޅާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހާއި ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހާ ދެ ތާރީހު ތެރެއިން ފަހުން ބައްދަލުވާ ތާރީހުގެ ތެރޭގައި މައްސަލަ ހުށަހަޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!