ކޮވިޑް-19 އާއި ގުޅިގެން ޚަރަދު ކުޑަ ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން އަޅަން އެންގި ބައެއް ފިޔަވަޅުތައް އުވާލައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ކުޑަކޮށްފައިވާ މުސާރަތައް އަލުން އިޔާދަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އާ މަގާމުތަކަށް މުވައްޒަފުން ނެގުން ހުއްޓާލުމަށް އެންގި އެންގުމަށާއި، މިހާތަނަށް މުވައްޒަފުންނަށް ދެމުންނުދާ އެއްވެސް އައު އެލަވަންސެއް ނުދިނުމަށް އެންގި އެންގުމަށް އަމަލުކުރުން ހުއްޓާލުމަށެވެ.
އަދި އެއްވެސް އައު މަޤާމަކަށް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނެގުން ހުއްޓާލަން އެންގި އެންގުމަށާއި، ވަކިވާ މުވައްޒަފުންގެ ބަދަލުގައިވެސް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނުނެގުމާއި، އިތުރުގަޑީގެ ގޮތުގައި ބަޖެޓްކޮށްފައިވާ މިންވަރުގައި ޚަރަދުތައް ހިފެހެއްޓުމަށް، މަސައްކަތްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުން އެންގި އެންގުމަށް އަމަލުކުރުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ. އޭގެއިތުރުން މެންދުރު 14:30 ގައި އޮފީސްތައް ބަންދުކުރުމަށް އެންގި އެންގުމަށް އަމަލުކުރުން ހުއްޓާލަން ވެސް މި ސާކިއުލާގައި ވަނީ އަންގާފައެވެ. އަދި ދައުލަތުގެ ހުރިހާ އިދާރާއަކުން ރާއްޖެއިން ބޭރަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށް އެންގި އެންގުމަށް ވެސް އަމަލުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
އަދި ދައުލަތުގެ އިދާރާތަކުން ޢަމަލީ މަސައްކަތް ފަށާފައިވާ މަރާމާތުގެ މަސައްކަތްތަކާއި، މަރާމާތަށް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ މިނިސްޓްރީން ހުއްދަ ދީފައިވާ މަސައްކަތްތައް ފިޔަވައި، އިތުރު އެއްވެސް މަރާމާތުގެ މަސައްކަތެއް ނުފެށުން އެންގި އެންގުމަށްވެސް އަމަލުކުރުން ހުއްޓާލަން ވަނީ އަންގާފައެވެ.
މީގެއިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގައި ހިމެނޭ ކެޕިޓަލް ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ޚަރަދުތައް ކުރުން ހުއްޓާލުމުގެ ނިންމުމަށް ވެސް އަމަލުކުރަން ހުއްޓާލަން މި ސާކިއުލާއިން ވަނީ އަންގާފައެވެ.
ކޯވިޑާއި ގުޅިގެން ދައުލަތުގެ ބައެއް މުވައްޒަފުންގެ މުސާރަތައް ވަނީ ތިން މަސް ދުވަހަކަށް ކުޑަކޮށްފައެވެ.
ކުޑަކުރި މުސާރަތައް އަލުން އިޔާދަކުރީ މުސާރަ ކުޑަ ކުރުމަށް ކަނޑައެޅުނު މުއްދަތު ހަމަވުމުން ކަމަށް މައުލޫމާތު ލިބެއެވެ. ކޯވިޑާއި ގުޅިގެން ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ އަދި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 10،000 ރުފިޔާއަށް ވުރެން މަތިން އަސާސީ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަތައް ވަނީ ކުޑަކޮށްފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަދި މިނިވަން މުއްސަސާތަކުގެ މުސާރަތައް ވެސް ވަނީ ކުޑަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!