ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެކޭ، ފޮޓޯ ލޯގަނޑެކޭ ތަފާތެއް ނެތްކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން ގެނެސްދިން ނިއުސް ޓޯކް ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ކުރިމަތީގައި ފޮޓޯ ފްރޭމެއް ބަހައްޓަވަމުން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙެކޭ އޭނާ ކުރިމަތީ ހުރި ފޮޓޯ ލޯގަނޑެކޭ އެއްވެސް ތަފާތެއް ނެތްކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތީ ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާ ކުރާނެކަމަށް ކަމަށް ވަޢުދުވެ ވަޑައިގަންނަވަމުން ކަމަށެވެ.
"އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ބަސް ނުބުނެ މިހުންނެވީ ކީއްވެގެންތޯ، އަޅުގަނޑުމެންނަށް ފެނިގެން ދަނީ މިއަދު ރާއްޖޭގެ ރައީސަކަށް މި ހުންނެވި މީހާއެކޭ މި ކުރިމަތީގައި ބައިންދާފައި އިން ފޮޓޯ ލޯގަނޑެކޭ ތަފާތެއްނެތް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ފޮޓޯ ލޯގަނޑަކާއި ތަފާތެއްނެތޭ އަޅުގަނޑު މިބުނާ ބަހުގެ މާނައަކީ އިވޭއަޑެއް ނެތް، ފެއްނަ ތަނެއް ނެތް، ބުނާއެއްޗެއް ނެތް، ރަނގަޅު ކުރާކަމެއްނެތް" މުޙައްމަދު ވިދާޅުވިއެވެ.
ފޮޓޯ ލޯގަނޑެއްގެ މިސާލުން ރައްޔިތުން ނަގަންޏާ ނަގަންވީ ކަމަށާއި، ނުނަގަންޏާ ނުނަގަންވީ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޙައްމަދު އިސްމާއިލް ވަނީ އެ ޕްރޮގްރާމްގައި ދެއްކެވި ވާހަކާގައި ކުރީގެ ރައީސް، މިހާރުގެ މަޖިލިސްގެ ރައީސް، ރައީސް ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި 800 އަހަރުވީ މި އިސްލާމީ ދިވެހިރާއްޖެގައި އޮތް އިސްލާމް ދީނަށް ފުރަށްސާރަ ކުރިކަމަށާއި، މީހުން ނެރެ މުޒާހަރާ ކުރުވި ކަމަށް އޭނާ ވަނީ ތުހުމަތު ކުރަށްވާފައެވެ.
މުޙައްމަދު އިސްމާޢީލް މިހެން ވިދާޅުވިއިރު ރައީސް ޞާލިޙްގެ ޒައާމަތުގައި ތިން ބާރުވަކިވެ، މިނިވަން ކަމާއިއެކު މަސައްކަތް ކުރަމުންދާތަން ފެންނަ ކަމަށާއި، ރައީސް ޞާލިޙް އެކަމަށް ފުރުޞަތު ދެއްވާފައި ވާކަން ސިޔާސީ މަޝްރަޙް ދިރާސާކުރާ ބައެއް މީހުން ދަނީ ފާހަގަ ކުރަމުންނެވެ. އަދި ފަހުން އާންމުކުރި ކޯވިޑް-19 އާއި ގުޅޭ ހެލްތު މިނިސްޓްރީގެ ހަރަދުތަކުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓާއި ގުޅުވައި އެފަދަ ފަރާތްތަކުން ބުނެފައި ވަނީ ކުރީ ސަރުކާރުގައި އޭރުގެ އޮޑިޓަރ ޖެނެރަލް އޭރުގެ ސަރުކާރުގެ ޚިޔާނާތުގެ މައްސަލައެއް ފެންމަތިކުރުމުން އޮޑިޓަރ ޖެނެރަލް މަގާމުން ދުރުކުރި ނަމަވެސް، މިހާރު މިނިވަން މުއައްސަސާތައް މިނިވަން ކަމާއިއެކު ހިނގާތަން ފެންނަމުން ދާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހު "ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ" މިނަމުގައި މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ވެސް މިހާރު ވަނީ ނިންމާ ޢިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!