މިހާރުގެ އިދިކޮޅު ފަރާތްތައް ވެރިކަމުގައި އޮތްއިރު ކަންކުރި ގޮތަށް ބަލާއިރު، އިދިކޮޅުން މިހާރު އުޅެނީ މުޒާހަރާގެ ނަމުގައި މުޅި ރާއްޖެއަށް ކޯވިޑް ވައިރަސް ފަތުރާނެ ގޮތެއް ހޯދަން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ "ރާއްޖެ ވިއްކާލުމަށް ދެކޮޅަށް" ލިޔުއްވައި ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ކުރަށްވާފައިވާ ޓުވީޓަކަށް ރަށްދު ދެއްވަމުން ނެވެ.

Ad
rt

"ފ. އަތޮޅު އޮތްގޮތަށް ވިއްކާލަން ނިންމާ، ރަަށްތަކާއި ފަޅުތަކާއި ގިރިތަށް ނުއަގުގައި ވިއްކާ، އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫން ތީކީ. ތިޔަ އުޅުއްވަނީ މުޒާހަރާގެ ނަމުގައި މުޅި ރާއްޖެއަށް ވައިރަސް ފަތުރާނެ ގޮތެއް ހޯދަން."

ޝުޖާޢުއަށް ރަށްދުދެއްވާ މޫކޭ ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހު "ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ" މިނަމުގައި މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ވެސް މިހާރު ވަނީ ނިންމާ ޢިއުލާން ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ހަވީރު މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ މުޒާހަރާ ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހު ހަވީރު 4 އިން 6 ކަމަށް ވެސް ޝުޖާޢު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށް ފާޑުކިޔައި ޝުޖާޢު ދެއްކެވި ވާހަކާގައި ޤައުމުގެ ހަރުމުދާ ވިއްކަން ސަރުކާރު އުޅޭ ކަމަށާއި، މަޝްރޫޢުތައް ހިންގުމަށް ގިނަ ލޯނު ތަކެއް ނަގަމުން ދާކަމަށާއި،އައްޑޫން ބަޔަކާއި، ބައެއް އެއަރޕޯރޓްތައް ދިގު މުއްދަތަކަށް އަވަށްޓެރި ޤައުމަކަށް ކުށްޔަށް ދޭން އުޅޭ ކަމަށް ތުހުމަތު ކުރެއްވިއެވެ.

ޝުޖާޢު މިގޮތަށް ތުހުމަތު ކުރެއްވި އިރު ނިމުނު ސަރުކާރުން ހިންގި ބޮޑެތި މަޝްރޫޢުތައް ކަމަށްވާ ސިނަމާލެ ބްރިޖުގެ މަޝްރޫޢުއާއި، ވެލާނާ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި އަދި ހުޅުމާލޭގެ ހައުސިން މަޝްރޫޢުތަކަށް އެ ސަރުކާރުން ވެސް ވަނީ ބޭރުން ބޮޑެތި ޢަދަދުތަކުގެ ލޯނު ނަގާފައި އެވެ.

މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމަށް ސިންގަޕޫރުގެ ކުންފުންޏަށް ހަވާލުކޮށްފައި ވަނީ ހަމަ އަގަށް ވުރެ ތިން ގުނަ ބޮޑުކޮށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކޮށްފައިވާއިރު، އެ ސަރުކާރުން އެސްއީޒެޑްގެ ނަމުގައި ޤާނޫނެއް ވުޖޫދުކޮށް ފ. އަތޮޅު ސައޫދީ ސަރުކާރަށް ވިއްކާލަށް އުޅުނު ކަމަށް ވެސް ވަރަށް ބޮޑަށް އަޑު ފެތުރުނެވެ.