ކޯވިޑް-19 ގެ މަސައްކަތުގައި އެތައް މަހެއް ހޭދަވެފައިވާއިރު، ހެލްތު ސެކްޓަރއާއި، އެ މަސައްކަތުގައި ތިބި ގިނަ މީހުން މިހާރު ވަނީ ވަރުބަލިވެފައި ކަމަށް ޑރ. ޢަލީ ލަޠީފް ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި ޓެގް ޓީމުގެ ފަރާތުން މިރޭ ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ލަޠީފް ވިދާޅުވީ ފްރޮންޓްލައިން ގިނަ ބަޔަކު ވަރުބަލި ވުމުގެ އިތުރަށް ގިނަ ޢަދަދެއްގެ ފްރޮންޓްލައިން ހަރަކާތްތެރީން ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.
ޑރ. ލަޠީފް ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިބަލީގައި ގިނަ ފުރާނަތަކެއް ގެއްލެން މެދުވެރިވަނީ މެނޭޖް ކުރެވޭ ވަރަށް ވުރެ ބަލިމީހުން ގިނަ ވުމުން ކަމަށެވެ.
ޑރ. ލަޠީފް ވިދާޅުވީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 980 މީހުން ބަށްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ފުރަތަމަ ކޯވިޑް ކޭސް ރާއްޖޭގައި ރިޕޯޓް ކުރީ މިއަހަރުގެ މާރިޗް 7 ވަނަ ދުވަހު ކަމަށާއި، 500 މީހުން ޕޮޒިޓިވް ވުމާއި ހަމައަށް 56 ދުވަސް ހޭދަވި ކަމަށް ޑރ. ލަޠީފް ވިދާޅުވިއެވެ.
އިތުރު 500 މީހުން 13 ދުވަސް ތެރޭގައި ޕޮޒިޓިވް ވެފައިވާއިރު، މިހާރު ތިނެއް ނުވަތަ ހަތަރު ދުވަސް ތެރޭގައި 500 މީހުން ޕޮޒިޓިވް ވަމުންދާ ކަމަށް ފާހަގަ ކުރަށްވަމުން ޑރ. ވިދާޅުވީ މިހާރު ވަނީ ކޯވިޑް ބަލީގެ މީހުން އެޑްމިޓް ކުރުމަށް ޚާއްސަ ކުރެވިފައިވާ ބެޑުގެ 60 ޕަސެންޓް ބެޑްތައް ފުލް ވެފައިވާ ކަމަށެވެ.
ފިޔަވަޅުތައް ހަރުކަށި ކުރުމުން ބައެއް މީހުންގެ ނުތަނަވަސް އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް ފިޔަވަޅުތައް ވަރުގަދަ ނުކޮށް ކޭސް ތަކުގެ ޢަދަދު ދަށް ނުކުރެވޭނެ ކަމަށް ޑރ. ވިދާޅުވިއެވެ.
ލޮކްޑައުނަކަށް ދިއުމަކީ އެކަމުގެ ގެއްލުން ނުހަނު ބޮޑު، އުނދަގުލާއި ތަކުލީފް ހުރިކަމެއް ކަމަށާއި، ނަމަވެސް ބަލި ކޮންޓްރޯލްނުވެ ދާނަމަ އަލުން ލޮކްޑައުނަކަށް ދާންވެއްޖެ ނަމަ ދިވެހި ރައްޔިތުންނަށް ޓަކައި ލޮކްޑައުންނަކަށް ވެސް ދާން ޖެހިދާނެ ކަމަށް ވެސް ޑރ. ލަޠީފް ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމައަށް އަލަށް 119 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، ކޭސްތަކުގެ ޢަދަދު 6779 އަށް އަރާފައިވާ ކަމަށް ޑރ. ވިދާޅުވިއެވެ. 4222 މީހުން ބަލިން ފަސޭހަވެފައި ވާއިރު، 26 މީހުން ވަނީ މިރެއާއި ހަމައަށް ނިޔާވެފައެެވެ.
2531 މީހުން އެކްޓިވް ކޭސްގެ ގޮތުގައި ތިބިއިރު، އަތޮޅުތަކުން މީހުން ދިރިއުޅޭ 22 ރަށެއްގައި އެކްޓިވް ކޭސް ވާކަމަށާއި، 12 ރިސޯޓަކުން މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަ ކުރަށްވާފައެވެ. އަދި ހޮސްޕިޓަލްގައި 162 މީހުންނަށް ފަރުވާ ދެމުންދާއިރު އެތަނުން 11 މީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ. 8 މީހަކަށް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!