މެމްބަރެއްގެ އަމިއްލަ ޒާތީ މަންފާއަށް ވިސްނާނަމަ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށާއި، ނަމަވެސް ޤައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެ މައްސަލަ އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހުށައަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެފައި ވަނިކޮށެވެ.

Ad
rt

ޝަރީފް ވިދާޅުވީ މެމްބަރެއްގެ އަމިއްލަ ޒާތީ މަންފާއަށް ވިސްނާނަމަ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަސްލަހަތަށް އަދި ޤައުމުގެ ހަމަޖެހުމަށް ރަނގަޅީ ރިޔާސީ ނިޒާމް ކަމަށް ރައީސް ޞާލިޙް ޓެގް ކުރަށްވާ ކުރެއްވި ޓުވީޓުގައި ޝަރީފް ވިދާޅުވިއެވެ.

"އެމްޕީއެއްގެ އަމިއްލަ ޒާތީ މަންފާއަށް ވިސްނާނަމަ ރަނގަޅީ ބަރުލަމާނީ، ނަމަވެސް ރައްޔިތުންގެ މަސްލަހަތަށް އަދި ޤައުމުގެ ހަމަޖެހުމަށް ރަނގަޅީ ރިޔާސީ ނިޒާމް"

=އިބްރާޙީމް ޝަރީފް، ރައްޔިތުންގެ މަޖިލިސްގެ މަރަދޫ ދާއިރާގެ މެމްބަރު=

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ މަސައްކަތުގައި ފާޅުކޮށް، އިސް ނަންގަވައިގެން އުޅުއްވާ ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު ވިދާޅުވެފައިވަނީ އޭނާ އެ މަސައްކަތް ކުރަށްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކުގައި ކަމަށެވެ.

ވެހި ދައުލަތް ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ނިޒާމު ބަދަލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން ތައްޔާރުވަމުންދާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަށް ސަރުކާރުގައި އެމަނިކުފާނު ވަރަށް ބޮޑަށް ދަނީ އެދެމުންނެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދަނީ ދެކޮޅު ހައްދަވަމުންނެވެ.

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސް އޮފީހުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.