ގޮތްނޭނގޭ މަރުތަކަށާއި، ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ލިބުން އަވަސް ކުރަން ޖެހޭ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ.
އަޙްމަދު އަބުދުﷲ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލާ ފިޔަވަޅުއެޅުން އަވަސް ޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
"ގޮތްނޭނގޭ މަރުތަކަށާއި، ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ލިބި، އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލާ ފިޔަވަޅުއެޅުން އަވަސް ޖެހޭ"
=އަޙްމަދު ޢަބުދުﷲ، ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު=
Goiy neygey maruthakaa gelluvaalaafaivaa faraaiy thakah insaafu libi adhi MMPRC ge khiyaanaathuge massala balaa fiyavalhu elhun avasvaan jehey.
— Ahmed Abdulla (@ahmedabdulla2a) August 21, 2020
މެމްބަރު އަޙްމަދު ޢަބުދުﷲ އެގޮތަށް ވިދާޅުވެފައިވާއިރު، އެ މައްސަލަތަކަށް އިންސާފު ލިބުން ލަސްވާތީ އެކަމާއި ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލިތާ މި އޮގަސްޓް މަހުގެ 8 ވަނަ ދުވަހަށް ހަ އަހަރު ފުރުނުއިރު ވެސް އިންސާފު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އާއިލާ އިން ފާޅުކޮށް، ރިލްވާންގެ އާއިލާ އާއި އޭނާ އަށް ހެޔޮއެދޭ އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް، އެ މައްސަލައިގައި ރައީސް ޞާލިޙް ލިޔުއްވައި، ޓްވީޓާގައި އެދުވަހު އާންމު ކުރެއްވި ނޯޓެއްގައި ވަނީ "ހުރަސްތަކާއި ދަތިތަކާ އެކު ވެސް އެ މައްސަލަ އަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާ އެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ،" ކަމަށް ވިދާޅުވެފައެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން އޯގަސްޓް 8 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ރިލްވާންގެ އާއިލާ އަށް އިންސާފަށް ނުލިބި އޮތުމުގެ ހިތާމައިގައި އެ ކޮމިޝަނުން ބައިވެރިވާ ކަމަށެވެ. ރިލްވާން ގެއްލުވައިލުމާއި އެ ކޮމިޝަނުން ބަލަމުންދާ އެހެން މަރުތަކާ ބެހޭ މައްސަލަތަކުގައި އިިންސާފު ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިއަހަރުގެ ޖުލައި 23 ވަނަ ދުވަހު އެ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނަތުގައި ބައިވެރިވި މީހުންގެ ޢަދަދު މިހާރު 300 އާއި ގާތްކުރާކަމަށެވެ. ނަމަވެސް އެމީހުން އެފައިސާގައި ޖެހިފައިވާމިންވަރާއި އެމީހުންގެ މައްޗަށް ދައުވަކުރެވޭނެ މިންވަރަށް ހުރި ހެކިތަކުގެމައްޗަށާއި އެމީހާ ހުރި މަޤާމުގެ ނުފޫޒް އޮތް މިންވަރަށް ބެލުމަށްފަހު 5 މައްސަލައެއް ވަރަށް އަވަހަށް ޝަރީޢަތަށް ފޮނުވޭނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!