ކުނި ޖަމާކުރުމަށް އުތުރުގައި ގާއިމުކުރާ ޓްރާންސްފަރ ސްޓޭޝަން ހދ. ކުނބުރުދޫގައި ގާއިމު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ އޮތް މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 29 ވަނަ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.
އިއްޔެގެ ޖަލްސާގައި މޮސްޓާ ތިން ސުވާލެއް މިނިސްޓަރަށް އަމާޒު ކުރެއްވިއިރު ތިންވަނަ ސުވާލެއްގެ ގޮތުގައި ކުރެއްވީ ޕްލާސްޓިކްގެ ކަންތައް ހައްލު ކުރުމަށް މިނިސްޓަރު ނިންމަވާފައިވާ ގޮތް އޮޅުން ފިލުއްވުމަށް ކުރެއްވި ސުވާލެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޕްލާސްޓިކަކީ، ކުނީގެ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމުގެ ޤައުމީ މަސައްކަތް މިއަހަރު ފައްޓަވަން ނިންމަވާފައި ވާކަމަށެވެ.
"ދެން ހަމަ އެއާއެއްކޮށް ރަށްރަށުގައި ޖަމާވެފައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން، މިދެންނެވީ ކުރުމަށް ރާވަމުން މި ދަނީ، އޭގެތެރޭގައި އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ނޮޅިވަރަންފަރު ވެސް ހިމެނޭ ހދ. ގައި ގާއިމުކުރާ، ކުނބުރުދޫގައި ގާއިމުކުރާ ޓްރާންސްފަރ ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް."
މިނިސްޓަރު ޙުސައިން ވިދާޅުވިއެވެ.
ކުނބުރުދޫގައި ގާއިމުކުރާ ޓްރާންސްފަރ ސްޓޭޝަނެއް ގާއިމުކުރެވުނީމައި އެ ސަރަޙައްދުގެ ރަށްރަށުން ކުނި، ކުނބުރުދޫ ޓްރާންސްފަރ ސްޓޭޝަނަށް އަވަހަށް ޖަމާކުރެވި، ޕްރޮސެސްކުރުމުގެ މަސައްކަތް ވެސް ހިނގާނެ ކަމަށް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާގައި ނޮޅިވަރަންފަރުގެ ކުނިކޮށީގެ މަސައްކަތްނިމި ޚިދުމަތް ނުލިބި ދިގުލައިގެން ދާތީއާއި، ނަރުދަމާގެ ޚިދުމަތަށް އިތުރު ޖެންސެޓެއް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު އެރަށަށް ކުރެއްވި ޒިޔާރަތެއްގައި ވިދާޅުވެފައި ވާތީ، އެކަންކަން ހަމަޖެހޭނެ ދުވަހެއް ސާފުކުރުމަށް ވެސް މޮސްޓާ ސުވާލު ކުރެއްވިއެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކުނި ކޮށީގެ ފައިސާ ކައުންސިލްތަކާއި ހަވާލުކުރަން މަސައްކަތް ކުރެއްވި ކަމަށާއި، ފިނޭންސުން އެފައިސާ ދޫކުރަން މަޑުޖައްސާލަން އެންގިއިރު ފައިސާ ހަމަނުޖައްސާ ހުރި ކައުންސިލްތަކަށް އެ ފައިސާ ދޫކުރެވޭގޮތް ނުވެފައި ވާކަމަށެވެ. އަދި ދަތުރު ފަތުރުކުރުމަށް ދަތިތަކެއް ހުރުމުން ނަރުދަމާގެ މަސައްކަތް މިހާރު ނިމިފައި ހުރި ކަމަށް ބެލެވޭ ތަންތަން ވެސް ކޮމިޝަން ނުކުރެވިފައި އެބަހުރި ކަމަށާއި، މިހާތަނަށް ނިމިފައި ހުރި ހުރިހާ ތަނެއް ޢަމަލީ ގޮތުން ޚިދުމަތް ދިނުމުގެ މަސައްކަތް މި އަހަރު ތެރޭ ތަރުތީބު ކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް ލިބުމުގެ މައްސަލައެއް އުޅެންޏާ އެ މައްސަލައެއް ވެސް ފެނަކައާއި ވާހަކަދައްކައިގެން ޙައްލުކުރާނެ ކަމަށެވެ.
ކުނި ޖަމާކުރުމަށް އުތުރުގައި ގާއިމުކުރާ ޓްރާންސްފަރ ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާ ހދ. ކުނބުރުދޫ އަކީ ކުރިން މީހުން ދިރި އުޅުނު ރަށެކެވެ. އެ ރަށުގެ ރައްޔިތުން މީގެ އަހަރުތަކެއް ކުރިން ވަނީ ހދ. ނޮޅިވަރަންފަރަށް ހިޖުރަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!