ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރައްވާ ދެ ބޭފުޅުނަށް ރުހުން ހޯދުމަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމުތަކަށް ޢައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސުޕްރީމް ކޯޓުގެ ފަނޑިކާރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ނަންފުޅުތަކަކީ ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގެ ޑޮކްޓަރ މުޙައްމަދު އިބްރާހީމްގެ ނަން ފުޅެވެ.

Ad
rt

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާ ހޯއްދެވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މިއަދު އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވާފައި ވަނީ އެ ކޮމިޝަނުގެ 3 މެންބަރުން އިސްތިޢުފާ ދެއްވާފައިވާތީ އާއި، އަދި އެ ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު، 12 ސެޕްޓެންބަރު 2020 ގެ ނިޔަލަށް ހަމަވާތީ، އެ މަޤާމުތަކަށް މެންބަރުން ޢައްޔަން ކުރެއްވުމަށްޓަކައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މިއަދު ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު ވެސް އިތުރު ކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ 3 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް ކަމަށެވެ.