އެމްޑީޕީގެ ހަމައަކީ ކަމެއް ރަނގަޅު ވެއްޖެއްޔާ އެއީ އެމްޑީޕީން ކުރިކަމެއް ކަމަށާއި، ކަމެއް ގޯސްވެއްޖެއްޔާ އެއީ ކޯލިޝަން ކުރިކަމެއް ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޮރަޕްޝަން މަދު ކުރުމަށާއި އެފަދަ ހިޔާނާތްތަކުގައި ޒިންމާވާ ފަރާތްތަކާ މެދު އަވަހަށް ފިޔަވަޅުތައް އެޅުމަށް ގޮވާލައި، މަޑުއްވަރި ދާއިރާގެ ޢިއްޒަތްތެރި މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވުން ސައީދު ވިދާޅުވީ ވޭތުވެ ދިޔަ ހަފުތާއްގެ ތެރޭގައި އެނގި ހާމަވި ވާހަކަތަކަށް ބަލާއިރު ވަރަށް ބޮޑު ނުއަތު ބުރެއް ސަރުކާރު ޖަހާފައިވާކަން ރައްޔިތުންނަށް އެނގި ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
އެ ނުއަތު ބުރުން ދިމާވި ކަންކަން އެމްޑީޕީގެ ޗެއަރ އަށާއި އެމްޑީޕީގެ ރައީސަށް މޭރުން ވެގެން ދާނެ ކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ އެޖެންޑާ19 ވަރަށް ތަފާތު ކަމަށެވެ.
"ރައްޔިތުންގެ ޖީބު ހުސްވެއްޖެ، އެޖެންޑާ19 ވަރަށް ތަފާތު، ރައްޔިތުންގެ ޖީބު އަނެއް ފުށަށް ޖެހީމަވެސް ޖީބުގައި އޮތް އެއްޗެއްނެތް، ޤައުމުގެ އާމްދަނީ އެބަ ހުސްވޭ، ފައިސާ ޕްރިންޓް ކުރަނީ، ހަތަރު ބިލިއަން މަހަކަށް، ބިލިއަނެއްގެ ރުފިޔާ އެބަ ޕްރިންޓް ކުރޭ، ޑޮލަރެއްގެ އަގު 30 ޕަސަންޓް ހުރަސްކޮށް މިއޮއްދަނީ، 20 ރުފިޔާއަށް އަރައިގެން، މިވަރަށް ސިސްޓަމެއް ތަފާތުވާނީ"
ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ބެހޭ ޤާނޫނު އެމްއާރުއެމްއިން ޑިޒައިންކޮށް ނިންމާފައި ވާކަމަށެވެ. ނަމަވެސް އެމްޑީޕީއިން ބުނަނީ ކަނދުފަތި އަޅާވާހަކައާއި، ޕްލެޓްފޯމް އަޅާވާހަކައާއި އަދި ގޭދޮށު މަސްފެކްޓަރީ އަޅާ ވާހަކަ ކަމަށް ސައީދު ވިދާޅުވިއެވެ. އެކަން ވެއްޖެތޯ ސުވާލުކުރަށްވައި، އެޖެންޑާ 19 ތަފާތު ވާނީ މިހާކަށް ވަރަށް ކަމަށް ސައީދު ވިދާޅުވިއެވެ.
"ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން ބޭނުން ތިޔަ ބޭފުޅުން ބޭނުންވި މާލީ ނިޒާމުތޯ މި ޤައުމުގައި މިއޮތީ، މާލީ ވަޒީރާއި ދޭތެރޭ ތި ބޭފުޅުންގެ އެޖެންޑާ19 ގެ ކޮންސެޕްޓްގައި ތިޔަ ބޭފުޅުންގެ އިތުބާރު އެބައޮތްތޯ، މި ސުވާލަށް އިއްޒަތްތެރި މެމްބަރު ޙަސަން ލަތީފު ޖަވާބެއް ދެއްވުން އަޅުގަނޑު އެދެން، ރައީސް މުޙައްމަދު ނަޝީދު މިއަށް ޖަވާބެއް ދެއްވުން އެދެން، މިއަދު ކަމެއް ރަނގަޅުވެއްޖެއްޔާ އެއީ ތިބޭފުޅުން، ކަމެއް ގޯސްވެއްޖެއްޔާ އެއީ ކޯލިޝަން"
ސައީދު އިތުރަށް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ދިވެހިންގެ ބޭންކުގެ ފައިސާ ހުރިވަރު، ދައުރުވާގޮތް އޮޅުން ފިލުއްވުމަށް އެ ސުވާލު ތިންމަސް ކުރިން ކުރިން ތަކުރާރުކޮށް ކުރެއްވި ކަމަށާއި، މަޖިލިސްއަށް އެނާ އެކަމަށް ސިޓީ ވެސް ފޮނުއްވި ކަމަށެވެ.
ގޭ ކުލި ނުދެއްކިގެން ރައްޔިތުން މަގުމަތިވާތީ ޕެންޝަނާއި ބެހޭ ބިލެއް އޭނާ ހުށަހެޅުއްވި ކަމަށާއި، ޕެންޝަނާބެހޭ ޤާނޫނު އޮންނަގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުން ކުރެވެނީ ރައްޔިތުން މުސްކުޅިވެ ގައިބާރު ދިޔައީމަކަން އެނގިވަޑައި ގަންނަވާ ކަމަށެވެ.
އެހެންނަމަވެސް އޭނާ އެ ބިލު ހުށަހެޅުއްވީ މިވަގުތަށް އެ ފަންޑުގައިހުރި ރައްޔިތުންގެ ފައިސާގެ މުހިންމު ކަމާއި، ގައިގައި ބާރު ހުއްޓާ އެފައިސާ ބޭނުންވާކަން އެނގުނީމައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. މަޖިލިސް އިން މަސައްކަތް ކުރެއްވި ކަންވެސް އެނގިވަޑައިގަތް ކަމަށާއި، އެހިސާބަށް ދިޔައީމަ އަނެއްކާ ކޯލިޝަން ސަރުކާރަކަށް ވާކަމަށް ސައީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!