ތަފާތު ކަންކަން ތަޖުރިބާ ކުރުމަށް ހިތުގައި އަބަދުވެސް ޝަޢުޤުވެރިކަން އޮވެއެވެ. އެކުވެރިންގެ ތެރޭގައި އެކިކަހަލަ މަސްވެރިކަމުގައި އުޅެ ތަޖުރިބާ ހޯދާފައިތިބި އެކުވެރިން އުޅުމާއި، މިވެރިން މަސްވެރިކަމުގެ ތަޖުރިބާ ތަކާއި ދިމާވާ މަޖާކަންކަމުގެ ވާހަކަތައް ކޮފީމޭޒު ކައިރީ އަބަދުވެސް ހިއްސާކޮށް އުޅެއެވެ.

މިފަދަ ސަބަބުތަކާހުރެ މަސްވެރިކަމުގެ ޝަޢުޤު ހިތުގައި ވަރަށް ބޮޑަށް އޮވެއެވެ. މަސްވެރިކަމަށް ކިތަންމެ ޝަޢުޤުވެރިކަން ހިތުގައި އޮތް ނަމަވެސް އެކަމަށް ހުރަސްއެޅޭ ވަރަށް ބޮޑު ސަބަބެއް އޮވެއެވެ. އަހަރެންނަކީ ކަނޑު މައްޗަށް އަރައިފިނަމަ ވަރަށް ފަސޭހައިން ބޯއަނބުރާ ގޮތްވެ ހޮޑުލެވޭ މީހަކަށް ވާތީ މަސްވެރިކަމަށް ނުކުތުން އަބަދުވެސް އޮންނަނީ ވަރަށް އުނދަގޫ ކަމަކަށް ވެފައެވެ.

Ad
rt

ދިއްލައިގެން އެން އަޅައިގެން ކަނޑުމަހަށް ނުކުތުމަކީ ދުވަހަކު ވެސް ތަޖުރިބާ ކޮށްފައިވާ ކަމެއް ނޫނެވެ. އެކުވެރިއެއްގެ އެދުމުގެ މަތިން އެކުވެރިޔާ މަހަށްދާ ދޯނީގައި މަހަށް ދިޔުމަށް ނިންމީ ހިތުގައި އެކަންވެސް ތަޖުރިބާ ކޮށްލުމަށް އޮތް ޝަޢުޤެއްގެ ބޮޑުކަމުންނެވެ.

މަހަށް ފުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ މެންދަމު އެއްގަޑި ތިރީސް ކަމުގައި އެކުވެރިޔާ އެންގުމުން ތައްޔާރުވެގެން 01:15 ގައި އަހަރެން ފުރަން ނުކުތީމެވެ. ކުދިކުދި ތައްޔާރީ ތަކަށްފަހު ފުރަން ކަނޑައެޅިފައިވާ ގަޑިޔަށް ފުރައިފީމެވެ. ރޯޅި ކޮންމެވެސް ވަރަކަށް ވީނަމަވެސް މޫސުން ރީއްޗެވެ. ކަނޑުވެސް އާދައިގެ ވަރަކަށް މަޑުވުމުން ދޯނީގެ މަތީ ޑެގުގައި އެހެން ފަޅުވެރިނާއިއެކު ވާހަކަދައްކާލައި ކޮފީބޯން މަޑުކޮށްލައިގެން ތިބުމަށްފަހު، އެން އެޅުމަށް ދާން ކަނޑައެޅިފައިވާ މަންޒިލް ދެވޭންދެން ކައްޕިޔާއި ދޯނި ދުއްވަން ހަވާލުކުރުމަށް ފަހު އެހެން ފަޅުވެރިންނެކޭ އެއްގޮތަށް އޮށޯއޮތީމެވެ.

އެކުވެރިޔާ ބުނިގޮތުގައި އެން އަޅަން ދިއުމަށް ކަނޑައެޅިފައިވާ ހިސާބަށް ފޯރުމަށް ދެގަޑިއެއްހާއިރު ހޭދަވާނެއެވެ. އަހަރެން މިއީ އަލަށް މަހަށް އައި މީހަކަށް ވެފައި ދޯނިފަހަރުގައި އާންމުކޮށް ދަތުރުކޮށް އުޅޭ މީހަކަށް ނުވާތީ އޮށޯއޮތް ކަމުގައި ވިޔަސް ފަސޭހައިން ނިދޭގޮތެއް ނުވިއެވެ.

އެން އެޅުމަށް ދިއްލުމަށް ކަނޑައެޅިފައިވާ ސަރަހައްދަށް އާދެވުމާއެކު ދޯނި މަޑުކޮށްލައިފިއެވެ. ދޯނި މަޑުކުރުމާއެކު އަހަރެން ވެސް އޮށޯއޮވެ އޮތްތަނުން ނުކުތީމެވެ. އޭރު ގަޑިން މެންދަމުން އަލިވެ 03:30 ވެއްޖެއެވެ. ނުކުތްއިރު މާދުރު ނޫން ހިސާބުގައި އެންއެޅުމަށް ޓަކައި ދިއްލައި އަލިކޮށްގެން އޮތް އިތުރު ދެ ދޯނި އޮތެވެ. މިހާރު ދޯނި މި އޮތީ ކޮން ހިސާބެއްގައިތޯ އަހަރެން އެކުވެރިޔާ އާ ސުވާލު ކުރީމެވެ. ސުވާލު ކުރުމުން ދޯނި މިހާރު މި އޮތީ ހދ. މުއިރި ކިޔާ ފަޅުރަށެއްގެ ބޭރުގައި ކަމަށާއި މިރޭ އެން އެޅުމަށް ދިއްލުމަށް ހަމަޖެހިފައިވާ ތަނަކީ މިއީ ކަމުގައި އެކުވެރިޔާ މަޢުލޫމާތު ދިނެވެ.

ލަސްނުކޮށް ސްޓޭންޑުގައި ހަރުކޮށްފައި ހުރި ބޮޑު މާކަރީ ލައިޓުން މޫދަށް އަލިކޮށްލައިފިއެވެ. އެކަކު އެންވަތަށް ފައިބާ ބައެއް އުނގުރިތައް ނައްޓާލައި ވަތަށް ލޮނުއަރުވާ އެން އެޅުމަށް ވަތް ތައްޔާރު ކޮށްލިއެވެ. ދިއްލާ މޫދަށް އަލިކޮށްފައިވާ މާކަރީ ލައިޓްގެ އައްޔަށް ބަލަހައްޓައިގެން އެހެން ފަޅުވެރިންނާއިއެކު އަހަރެން ވެސް ހުރީ ރެހިތައް ތިލަވާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މަޑުމަޑުން ރެހިތައް ތިލަވާން ފެށުމުން ފަޅުވެރިންގެ ތެރެއިން އެއްބަޔަކު ޕަންޕު ސްޓާޓުކޮށް އެން އެޅުމަށް ވަތް ފައްކާކޮށްލިއެވެ. އަނެއްބަޔަކު އެންނެގުމަށް ބޭނުންވާ ދާބުރި ނަގައި ތައްޔާރުކޮށްލިއެވެ.

ފަޅުވެރިންގެ ތެރެއިން އެކަކު އައިސް މާކަރީ ލައިޓްގެ ކައިރީގައި އިށީ އިނުމަށްފަހު ލައިޓްގެ މޫނުމަތި ނިވާވާވަރުގެ ފިލާގަނޑެއް ނަގައި ލައިޓްގެ މޫނުމަތީއަޅައި މޫދަށް އެޅިފައިވާ އަލި މޫދަށް ނޭޅޭނޭހެން ނިވާކޮށްލައެވެ. ނިވާކޮށްލާފައި އަނެއްކާވެސް އެ ފިލާގަނޑު ލައިޓްގެ ކުރިމަތިން ނަގައެވެ. މިގޮތަށް ތަކުރާރު ކުރަމުން ގެންދެއެވެ. އެ ކުރަނީ ކީތްތޯ އަހަރެންގެ އެކުވެރިޔާ އާއި ސުވާލު ކުރުމުން އެކުވެރިޔާ ބުންޏެވެ. އެޔަށް ކިޔާއުޅެނީ ފިލާ ކެނޑުން ކަމަށެވެ. އެހެން ހެދުމުން ރެހިތައް ތިލަވެ ބޮނޑި ޖެހޭލެއް އަވަސްވާނެ ކަމަށް އެކުވެރިޔާ ބުނުމުން މަޑުކޮށްލައިގެން ހުރީމެވެ.

ތެދެކެވެ. އިސާހިތަކު ރެހިގަނޑު އަރައި ލައިޓްގެ ދަށަށް ގުޅަޖެހިއްޖެއެވެ. ވަގުތުން ދާ ކޮއްޕާލުމަށްފަހު ރެހިބޮނޑި ނަގައި ވަތައް އަޅާލިއެވެ. ފަތިސްވި ވަރަކަށް ރެހި ތިލަވާ މިންވަރު އިތުރުވަމުން ދެއެވެ. މިގޮތަށް ތަކުރާރު ކުރަމުން ގޮސް ފަތިހު 05:30 ވުމުގެ ކުރިން ބޭނުންވާ ވަރަށް ދޯންޏަށް އެން ބަރުކޮށްފީމެވެ. ހިތާހިތާ ބުނެވުނެވެ. ޒަމާނަށް އައި ބަދަލުތަކާއެކު އެން އެޅުންވެސް މިވަނީ ހާދަހާވާ ފަސޭހަކަމަކަށް ވެފައެވެ.

އެންއަޅާ ނިންމާލައި ދޯނި މިސްރާބު ކޮށްލީ ނާގޯށި ބޮޔަށް ދިޔުމަށެވެ. ހުރިހާ ފަޅުވެރިން އަވަސްވެ ގަތީ ފަތިސް ނަމާދު ކުރުމަށެވެ. ފަތިސް ނަމާދުކޮށް ނިމި ދުނިޔެމަތި އަލިވި އިރު ކެއްކުމާއި ހަވާލުވެ ހުންނަ ފަޅުވެރިޔާ ސައިހަދާ ނިންމައިފިއެވެ. ދޯނި ނާގޯށި ބޮޔަށް އޭރިޔާ ކޮށްލުމަށް ފަހު ދޯނި ދުއްވުމަށް އެކަކު ބެހެއްޓުމަށް ފަހު ސައިބޮއެ ހަދައިގެން އެހެން ފަޅުވެރިން ބޮޔަށް ފޯރަންދެން އަރާމު ކޮށްލުމަށް އެކިތަންތާގައި އޮށޯއޮވެއްޖެއެވެ. އަހަރެން ވެސް އަރާމު ކުރުމަށް އޮއްތާލާ އޮތީ ބޮޔަށް ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ. މަސްބޭނުމަށް ބޮޔަށް އަދި މި ދަނީ އަލަށް ކަމުން އެ ސަރަހައްދަށް ދިޔުމަށް ކުރަމުންދާ އިންތިޒާރު އަހަރެން ހިތުގައި އެހެން ފަޅުވެރިންނަށް ވުރެ ބޮޑެވެ.

ބޮޔަށް ފޯރީ ގަޑިން ހެނދުނު 08:00 ގައެވެ. އެ ސަރަހައްދަށް ފޯރި އިރު އިތުރު ދެ ދޯނި މަސްވެރިކަމުގައި އުޅޭތަން ފެނެއެވެ. އެންކެޔޮޅުން އެންވަށިތައް ނަގައި ތައްޔާރުވި އިރު ދެންތިބި ފަޅުވެރިން ދޮށިބޮނޑި ނަގައި އެ މީހަކު ހިތްރުހޭ ދޮއްޓެއްނަގައި މަސްބޭނުމަށް ތައްޔާރު ވެލިއެވެ. "އަން ކަލެޔަށް އޯކޭވާނެ މި ދޮށި" މިހެންބުނެ ދިގު ދޮއްޓެއް އެކުވެރިޔާ ދިނުމުން އަހަރެން ވެސް އެ ދޮށީގައި ހިފާ މަސްބޭނުމަށް ތައްޔާރުވެ ހުރީ ވަރަށް ޝަޢުޤުވެރިކަމާއެކުއެވެ.

ދޯނީގައި ދެ ފަރާތުގައި ދެ އެންކެޔޮޅުންތިބެ މަޑުމަޑުން ދޯނީގެ ދެ ފަރާތަށް އެން އުކަމުން ގެންދެއެވެ. ދުވަހަކީ އެ ސަރަހައްދުގައި ގިނައަދަދަކަށް މަސް ތިލަވެފައިވާ ދުވަހަކަށް ވުމުން އެން އުކަން ފެށިތާ މާގިނައިރުތަކެއް ނުވަނީސް ދޯނީގެ ފަހަތުން މަސްތައް ތިލަވާން ފެށިއެވެ. އެހެން ފަޅުވެރިނާއިއެކު މަސްބޭނުމުގައި އަހަރެން ވެސް ދޮއްޓެއް ހިފައިގެން ހުރީމެވެ. އަހަރެން ފިޔަވައި ދެން ތިބި ހުރިހާ އެންމެންނަކީ ވެސް ދޮށި އަޅާއަޅާ ކުރަލާފައި ތިބި މީހުންނަށް ވުމުން މަސްބޭނުމުގައި އެ މީހުން ނިކަން ފަރިތައެވެ. ގޮދައެއް ގަތަސް ކަންނެއްޔެއް ގަތަސް ހަމަ އެހެރަ އެއްލައިލަނީ ބޯމަތިންނެވެ. ނަމަވެސް އަހަރެންގެ ހާލަތު ތަފާތެވެ. ކަންނެއްޔެއް ގަނެއްޖެނަމަ އުޅެން ޖެހެނީ ނުނެގިގެންނެވެ. ބައެއްފަހަރު ނަގާ މަސް ދަނީ ދޯނީގައި ވެސް ލައްވާ ނުލައެވެ. ކަންނެއްޔެއް ގަނެއްޖެނަމަ ގިނަފަހަރު އެ ނެގެނީ ކައިރީގައި ހުންނަ އެކުވެރިޔާގެ އެހީތެރިކަމާ އެކުގައެވެ. އެހެން އުޅުމުގެ ތެރޭގައި ދެދޮށީގެ ކަންވާރު އޮޅުންފަދަ ކަންކަން ވެސް ދިމާވިއެވެ.

މަސްބޭނުމުގެ ފޯރީގައި ދޮށިވެރިން ތިއްބައި އެންކެޔޮޅު ގޮވާލާއަޑު އިވުނެވެ. ދެން އުކާނެ އެމެއްނެތެވެ. އެން ހުސްވެއްޖެއެވެ. އޭރު ގަޑިން މެންދުރުވާން ކައިރިވެއްޖެއެވެ. މަސްބާނައި ނިންމާލި އިރު ޓަނަކަށް ވުރެގިނަ މަސް ބޭނިފައި ހުއްޓެވެ. ގޮދާގެ އިތުރުން ކަންނެލި ވެސް ގިނައަދަދަކަށް ބޭނިފައި ހުއްޓެވެ.

ބޭނިފައި ހުރި މަސްކޮޅު ވިއްކުމަށްޓަކައި އަތޮޅު ތެރެއަށް ދޯނި ވަގުތުން މިސްރާބު ކޮށްލިއެވެ. އެއްބަޔަކު އެންވަތްދޮވެ ސާފުކުރަމުން ދިޔައިރު އަނެއްބަޔަކު ދޮށިތަށް ނަގައި ތަރުތީބުކޮށް އެ ހުންނަންވާ ތަނުގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. ކެއްކުމާ ހަވާލުވެ ހުރި ފަޅުވެރިޔާ ކެއްކުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔައިރު ދެންތިބި ފަޅުވެރިން ފެންވަރައި ނަލަވެގެން މެންދުރު ނަމާދުގެ ވަގުތައް ތައްޔާރު ވަނީއެވެ. ނަމާދުން އަވަދިވެ ހުރިހާ ފަޅުވެރިން ކައި ނިމިގެން އެއްބަޔަކު އަރާމު ކުރަން އޮށޯއޮތްއިރު އަނެއްބަޔަކު ކޮފީގައި މަޑުކޮށްލައިގެން ތިއްބެވެ. ދުވަހަކީ ކަނޑުމަޑު އަދި ހިތްގައިމު ދުވަހެކެވެ.

އަތޮޅުތެރޭގެ ތިން ރަށަކަށް މަސް ވިއްކުމަށްފަހު ދަތުރު ނިންމައި އެނބުރި ރަށަށް އާދެވުނު އިރު ގަޑިން އިރުއޮއްސުމާއި ދާދި ގާތް ވެއްޖެއެވެ. ބަޔާން ކުރެވި އެ ދިޔައީ ދަތުރުގެ ކަންކަން ކުރިއަށް ދިޔަގޮތް ކުރުގޮތަކަށެވެ. ތިރީގައި މި ބަޔާން ކޮށްލަނީ ފާހަގަކޮށްލެވުނު ބައެއް ކަންކަމެވެ.

ދޯނީގެ އަނެކާ ކުރަންޖެހޭ މަސައްކަތް ދައްކާކަށް ނުވަތަ ބުނާކަށް އެއްވެސް މީހަކު ނުހުރެއެވެ. ކޮންމެ ފަޅުވެރިއަކަށް ވެސް އެ މީހެއްގެ ޒިންމާ ފުރިހަމައަށް ނަގައެވެ. ކުރަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރަމުންގެންދެއެވެ.

މަސް ދޯންޏެއްގެ ގޮތުގައި ނަން ކުރެވުނަސް ފުރިހަމަ ވެފައި ދޯނި އެހާމެ ބޮޑެވެ. ހުރިހާ ފަޅުވެރިން އަރާމު ކޮށް އޮށޯއޮންނާނެ އިންތިޒާމާއި ފެންވަރާނެ ފާހާނާ އާއި ކޮފީބޮއެ ވައިޖައްސާލަން ތިބޭނެ ޖޯލިފަތިތައް ބެހެއްޓިފައި ހުރެއެވެ.

ހެނދުނު ސަޔަށް ހޫނު ރިހަޔާއި ހޫނު ރޮއްޓެވެ. މެންދުރު ކެއުމަށް ވަގުތުން ބާނާ މަހުގައި ކައްކާލެވޭ ތާޒާ ގަރުދިޔައާއި ހޫނު ބަތެވެ. ހުރިހާ ކެއުމެއްވެސް އެ ކެއުމެއްގެ އެންމެ ތާޒާކަންމަތީގައި ދޯނިމަތީގައި ލިބިގެންދެއެވެ. އެ މީހަކު ގަޔާވާ ކޮފީއެއް އެ މީހަކަށް ލިބެން ހުރެއެވެ. ކަޅުކޮފީ ވިއްޔާ ކަޅު ކޮފީއެވެ. ކިރު ކޮފީ ވިއްޔާ ކިރު ކޮފީއެވެ. ކަޅުސައި ބޯން ބޭނުންވާ މީހާއަށް ކަޅު ސައެވެ. ޖޫސްބޯން ބޭނުންވާ މީހާއަށް ޖޫހެވެ. ކާނެވަރަކަށް ކާން ބިސްކޯދާއި ޕޮޕްކޯނާއި ޕިކްފައިން ފަދަތަކެތިވެސް ހުރެއެވެ.

ކޮންމެ ފަޅުވެރިޔަކު ވެސް ފުރަން ނުކުންނަނީ ރީތި ހެދުމުގައި ދަބަސް އަޅުވާލާފައެވެ. އެނބުރި ގެޔަށް ދާއިރުވެސް ހަމަ ފެންވަރާ ނަލަހެދިގެންނެވެ. އިހުގައިހެން މަހުލެޔާ ތަތްތެޅިގެން އަބަދު އުޅޭކަށް ނުޖެހެއެވެ.

ފެނިގެންދާ ހިތްގައިމު މަންޒަރުތަކުގެ ވާހަކައަކީ ބުނާ ބުނުމަކުން އަނެކާއަށް އިހުސާސް ކުރެވޭނޭ ކަންކަމެއް ނޫނެވެ. މަސްއައިނާ އެކު ތިލަވާ ބޮޑެތި މިޔަރާއި ބޮޑެތި ކަންނެލި ހަމަލޮލަށް ދޯނި ބުޑުން ފެނުމާއި ކައިރީގައި އެއްވެސް ފިކުރެއްނެތި އައިންމަތީ އުދުހޭ ދޫނިތަކަކީ ހަމަ ބަލާ ފޫހިނުވާފަދަ ހިތްގައިމު މަންޒަރުތަކެވެ.

ޒަމާނަށާއި ވަސީލަތްތަކަށް އައިސްފައިވާ ބަދަލުތަކާއެކު މަސްވެރިކަމަކީ މިހާރު ސްމާޓް މަސައްކަތެކެވެ. ކަލޭ ދާންޖެހޭނީ މަހަށޭ ބުނެ ދެރަކޮށްލާވަރަށް ވުރެ މިމަސައްކަތް މިހާރު މާ ހިތްގައިމެވެ. ފުރުޞަތެއް ހޯދައިގެން ނަމަވެސް ތަޖުރިބާ ކޮށްލާށެވެ.