އެމްޑީޕީ ޖަގަހައެއް ހިނގާވަރަށް ވެސް މި ސަރުކާރު ނުހިނގާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅު ވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މިހާރު މިހިނގާ ކަންކަމަކީ ކޯލިޝަން ސަރުކާރެއްގެ ވަޒީރުންގެ އަމަލުތަކުގެ ސަބަބުން ހިނގާ ކަންކަން ކަމަށެވެ.

Ad
rt

ބޮންޑޭ ވިދާޅުވީ މި ހުރިހާކަމެއް ނިސްބަތްވަނީ އެމްޑީޕީއަށް ކަމަށާއި، ރައްޔިތުން ބުނަމުން ދަނީ އެޖެންޑާ19 އިން މަޖިލިސް އެމްޑީޕީއަށް ދީފާވާ ކަމަށް ކަމަށެވެ. އަދި ދައުލަތަށް ޚިޔާނާތްތެރިވާ ވަޒީރުންގެ ކަންކަން ހުއްޓުވައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރެއްގައި ވަޒީރަކު ޚިޔާނާތެއް ހިންގައި، ނުވަތަ ފަސާދައެއް ހިންގުމަށްފަހު އިސްތިއުފާ ދީފައި ދިއުމުން އެހިސާބުން ނިމުނީ ނޫން ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

" އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން އެބަޖެހޭ މިއަށް ހައްލެއް ގެންނަން، މި ރާއްޖޭގެ ރައްޔިތުން ދެކޭ ގޮތުގައި މިހާރު ވެރިކަން މިކުރަނީ އެމްޑީޕީ، އެހެން ނަމަވެސް ކޯލިޝަން ސަރުކާރުގެ ވަޒީރުން އެހެން ޕާޓީތަކުން ފޮނުވާފައި ތިބި ވަޒީރުންގެ އަމަލުތައް މިރަށްދު ވަނީ އެމްޑީޕީއަށް " ބޮންޑޭ ވިދާޅުވިއެވެ.

" މިރާއްޖޭގެ ރައްޔިތުން އެންމެ އިތުބާރު ކުރާ ވަރުގަދަ ލީޑަރަކީ ރައީސް ނަޝީދު، ރައްޔިތުން އަބަދުވެސް އުންމީދު ކުރަނީ މިމައްސަލަތައް ރައީސް ނަޝީދު ހައްލު ކުރާނެކަމަށް، އެހެން އިތުރު ފަރާތެއް ނެތް، އެ ހުރިހާކަމެއް ރައްދުވަނީ މަޖިލިސްގެ ރައީސް، ރިޔާސަތުގައި ތި އިންނެވި ރައީސް މުޙައްމަދު ނަޝީދަށް"

ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ މި ޚިޔާތުގެ ވާހަކައަކީ ހުރިހާ ރައްޔިތުންނަށް ވެސް އިނގޭ ވާހަކައެއް ކަމަށާއި، އެ ކަންކަން ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. ހެލްތު މިނިސްޓަރު ވަނީ ތަކުރާރުކޮށް ދޮގު ހައްދަވައި، ރައީސުލް ޖުމްހޫރިއްޔާއަށް ވެސް އޮޅުވާލާފައި ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

" ރައީސުލް ޖުމްހޫރިއްޔާއާއި، އެމްޑީޕީގެ ރައީސާއި މިވާހަކަތައް ދައްކައިގެން މިހާރު މި މިކޯލިޝަން މިގޮތަށްދޯ ދާނީ، ފަޅުގައި އޮޑި އަޅައިގެން އޮންނާނީތޯ، ހަމަޔަޤީނުން ވެސް އަޅުގަނޑަށް ފާހަގަ ކުރެވޭ އިއްޒަތްތެރި ރައީސް، މި ސަރުކާރެއް ނުހިނގާކަން އެމްޑީޕީގެ ދާއިރާއެއްގެ ޖަގަހަ ހިނގާ ވަރަށް ވެސް"

ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެއީ ޤަބޫލު ކުރަން ޖެހޭ ކަމެއް ކަމަށާއި، ވުޒާރާތަކުން ޖަވާބު ނުދީގެން ކެނޑިނޭޅި މީހުން ގުޅަމުން ދާ ކަމަށެވެ.

މިހާރު ހިނގަމުންދާ ކަންކަމުގައި އެމްޑީޕީ ޒިންމާ ނަގަންޖެހޭ ކަމަށާއި ރައްޔިތުން އުއްމީދުކުރަނީ މިކަމުގައި އެމްޑީޕީން ކުރިއަށްގެންދާނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކު ހެލްތު މިނިސްޓަރުގެ ވާހަކަ ނުދެއްކޭނެ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާއާއި ހަމައިން އެކަން ނިމެން ޖެހޭނެ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ތަކުރާރުކޮށް ވިދާޅުވީ، ކޯލިޝަންގެ ވަޒީރެއްގެ ސްލޮޓް ހުސްވެއްޖެ ނަމަ އަނބުރާ އެ ސްލޮޓް ކޯލިޝަނަށް ދީގެން ނުވާނެ ކަމަށާއި، ދޭން ނުވެސް ޖެހޭ ކަމަށެވެ.

ބޮންޑޭ މި މޭރުމުން މިއަދު ވާހަކަ ދެއްކެވިއިރު، މިހިނގާ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ވަނީ ކޯލިޝަން ސަރުކާރެއްގައި ކުދި ޕާޓީތަކަށް ފުރުސަތު ގެއްލޭ އިސްލާހެއް އެމްޑީޕީގެ އަސާސީ ގަވައިދަށް ގެންނަން ހުށަހަޅުއްވާފައި އެވެ. މެމްބަރު ބޮންޑޭގެ އިސްލާހުގައި ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓެއްގެ ވެރިކަމުގައި އެކުލަވައިލާ ކޯލިޝަން ސަރުކާރެއްގެ ވަޒީރަކު، ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެ ނޫން ތުހުމަތެއްގައި ވެސް މަގާމުން ވަކިކޮށްފި ނަމަ އެ ސްލޮޓް އެ ޕާޓީއަކަށް ގެއްލޭނެ ކަމަށެވެ.

އެ އިސްލާހުގައިވާ ގޮތުން ނަމަ، އެ ހާލަތުގައި ކެބިނެޓުން ހުސްވާ މަގާމަށް އައްޔަން ކުރަން ވާނީ އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މަދުވެގެން 50،000 މެމްބަރުން ހަމަވާ ޕާޓީއެއްގެ މެމްބަރެކެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި މިހާރު ތިބި ހަތަރު ޕާޓީގެ ތެރެއިން އެހާ ވަރަށް މެމްބަރުންގެ އަދަދު ހަމަވަނީ އެމްޑީޕީގެ އެކަންޏެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމަށް ބަލާއިރު އެންމެ ގިނަވެގެން 10،000 މެމްބަރުން ހަމަވަނީ ވެސް ޖުމްހޫރީ ޕާޓީގަ އެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދު 54،000 އަށް ވުރެ ގިނަ އެވެ.