ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުން މޮޅުވެ ސްޕެއިންގެ ސެވިއްޔާ އެ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.
ސެވިއްޔާ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ ސެމީ ފައިނަލް މެޗުގައި ރޭ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓުގެ މައްޗަށް 2-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުންވަނީ ލަނޑުޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑަކީ ސެވިއްޔާގެ ޑިފެންޑަރ ޑިއޭގޯ ކާލޯސް އެ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޔުނައިޓެޑްގެ ފޯވާޑް މާކޯސް ރަސްފޯޑަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީފައި ވަނީ ބުރޫނޯ ފެނާންޑޭޒްއެވެ. މިއީ ޔުނައިޓެޑަށް މި ސީޒަންގައި ލިބުނު 22 ވަނަ ޕެނަލްޓީއެވެ.
ޔުނަޓެޑުން ލަނޑު ޖެހުމާއިއެކު ޔޫރާޕާ ލީގު ފަސްފަހަރު ކާމިޔާބުކޮށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ ސެވިއްޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެ ޓީމުންވަނީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސުސޯއެވެ. މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
ދެވަނަ ހާފު ޔުނައިޓެޑުން ވަރަށް ފޯރިޔާއެކުފަށާ، އެ ހާފުގެ ކުރީކޮޅު އެ ޓީމުންވަނީ ސެވިއްޔާގެ ގޯލަށް ފުލުފުލުގައި ނުރައްކާކޮށްފައެވެ. ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ޔުނައިޓެޑުން ތަނަވަސް ކުރިނަމަވެސް މެޗުގައި މޮޅުކުޅުމެއް ދެއްކި ސެވިއްޔާގެ ގޯލް ކީޕަރު ޔާސިން ބޯނޫވަނީ އެ ހަމަލާތަށް ހުޝިޔާރުކަމާއި އެކު ދިފާއުކޮށްފައެވެ. މެޗުން ސެވިއްޔާ މޮޅުވި ލަނޑު މެޗު ނިމެން ބާރަ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ކެޕްޓަން ނަވާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑީޔޮންއެވެ. މި ލަނޑާއެކު މެޗުން މޮޅުވެ ސެވިއްޔާވަނީ މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. މިއީ އެ ޓީމުން ޔޫރަޕާ ލީގުގެ ފައިނަލަށް ދަތުރުކުރި ހަވަނަ ފަހަރެވެ.
މުބާރާތުގެ ފައިނަލްގައި ސެވިއްޔާ ބައްދަލު ކުރަންޖެހޭނީ ސެމީފައިނަލްގެ ދެވަނަ މެޗުގައި މިރޭ އިންޓަ މިލާނާއި ޝަޚްތަރ ޑޮނެސްކް ބައްދަލު ކުރާ މެޗުން މޮޅުވާ ބަޔަކާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!