ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް، އެ ޕާޓީން ވަކިކުރުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝިދު ހުށަހަޅުއްވައިފި އެވެ.
މަޖިލީސް ރައީސްކަން ވެސް ކުރައްވާ ނަޝީދު މިގޮތަށް ހުށަހެޅުއްވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަކަށާއި އެމްޑީޕީގެ މަޖިލީސް މެމްބަރުން ހިމެނޭ ގުރޫޕަކަށް ކުރެއްވި މެސެޖެއްގައި ކަމަށް އެމްޑީޕީގެ މަޖިލީސް މެމްބަރަކު ނަން ހާމަނުކުރެއްވުން އެދި "ތިލަދުން" އަށް މައުލޫމާތު ދެއްވިއެވެ.
"ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރުކަންމުން ވަކިކުރުމަށް އަޅުގަނޑު ހުށަހަޅަން،"
ރައީސް ނަަޝީދު ވަޓްސްއަޕް ގުރޫޕަށް ފޮނުވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ރައީސް ނަޝީދު އިސްނަންގަވާ މަސައްކަތް ފެއްޓަވާފައިމިވާ ދަނޑިވަޅުގައި ރޮޒައިނާ އާއި ރައީސް ނަޝީދުއާއި ދެމެދު އަންނަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުން ނެވެ.
އެމްޑީޕީ ސަރުކާރެއް އޮތް އިރު، އޮޕޮޒިޝަން ޕާޓީ ހެދިގެން އެމްޑީޕީއިން މަޖިލީހުގެ ތެރޭގައި އުޅުން ކަމަށް ސިފަކުރައްވާ، އެއް ގައުމެއްގައި ދެ ރައީސުންނަށް ނުތިއްބެވޭނެ ކަމަށާއި އެކަމަނާ ހުންނެވީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައިވިދާޅުވެ ރޮޒައިނާ އަންނަނީ ރައީސް ނަޝީދުއަށް ރައްދު ދެއްވަމުންކަން ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އެ މަސައްކަތް ރޮޒައިނާ ސިފަކުރެއްވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ރޮޒައިނާއަށް ހޫނުކޮށް ރައްދުދެއްވަމުން ވިދާޅުވެފައި ވަނީ ރޮޒައިނާގެ މަޅީގައި އެމްޑީޕީގެ އެކަކުވެސް ނުޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ވަކި ޕަވަބޭސް އާއި ނެޓްވޯކް ހަދައިގެން އުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ނަޝީދު ވަނީ ރޮޒައިނާއަށް ނިސްބަތް ކުރައްވާ ވިދާޅުވެފަ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަތިކޮށް، މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ހުރަސްއަޅަން ނޫން ކަމަށްވެސް ރޮޒައިނާ އާދަމް ވިދާޅުވެފައިވެއެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުން ފަދަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހިންގާ ބައެއް އަމަލުތައް ސިފަކުރައްވައި ރޮޒައިނާ ވިދާޅުވީ "މި ދެން ބޮޑުވަރު" ކަމަށެވެ.
އޭނާގެ އެ ޓުވީޓަށް ރައްދު ދެމުން އެމްޑީޕީގެ ސަޕޯޓަރަކު އެދުނީ އެ ޕާޓީ އަށް ގޮނޑިތައް ދިނީ ގުޅިގެން އެ ޕާޓީ ފުނޑާލަން ނޫން ކަމަށް ރޮޒައިނާ އަށް ހަނދާން ކޮށްދިނުމަށެވެ.
އޭގެ ރައްދުގައި ރޮޒެއިނާ ވިދާޅުވި ގޮތުގައި ގައުމުގެ ވެރިކަން އެއްފަހަރާ ދެ މީހުންނަކަށް ނުކުރެއްވޭނެ އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިތުބާރު ކުރައްވާ ކަމަށް ބުނާ އެއް ވަޒީރު، ފައްޔާޒު ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެކަމާ ދެކޮޅަށް ވެސް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް ބޭފުޅުން ވަނީ ތެދުވެވަޑައިގެންފަ އެވެ. އެކަމުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ފައްޔާޒް މަގާމުން ދުރުކުރަން އުޅޭ ސަބަބު އެކަމުގައި އުޅުއްވާ މެމްބަރުން ވިދާޅެއް ނުވެ އެވެ. އަމިއްލަ އަށް ދިފާއުވެވަޑައިގަންނަވަމުން ފައްޔާޒް ވިދާޅުވެފައި ވަނީ އޭނާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. އިތުބާރު ނެތް ކަމުގެ ވޯޓުގައި ސޮއިކުރަން ފެށީ، ހިތްހަމަނުޖެހޭ ސަބަބެއް އޭނާ އަށް ބުނެދިނުމެއް ވެސް ނެތި ކަމުގެ ކަންބޮޑުވުން ފައްޔާޒު ފާޅުކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!