ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރެއް ލިބޭނެކަމަށް ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ މަސްވެރިންގެ މާކެޓްއަށާއި ދަނޑުވެރިންގެ މާކެޓަށް ޒިޔާރާތްކޮށް އެފަރަތްތަކުގެ ކަންބޮޑުވުން އައްސަވާ އެސަރަހައްދުގައި ހުންނަވައިގެން އަޑުގަދަ ކުރާބޭނުން ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނޭ! އަޅުގަނޑުމެންގެ ޑީއާރުޕީގެ ވެރިކަމެއްގައި 7 ރުފިޔާއަށް ޑޮލަރު ލިބޭނެ، ހަމަ މިހާރުން މިހާރަށް ޗައިނާ ސަރުކާރާއި އެކު ހަދާފައިވާ އެގުރީމެންޓް ތަންފީޒު ކުރަން ޖެހޭ، ވަގުތުން ވަގުތައް އަބްދުﷲ ޔާމީން ދޫކޮށްލަންވީ
މިހާރު ރާއްޖޭގައި ޑޮލަރެއްހުރީ 20 ރުފިޔާއަށްކަމެއް އަދި 30 ރުފިޔާއަށްކަމެއް ނޭންގޭކަމަށާއި މިކަމަކީ ވިޔަފާރިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމުގައި ފާހަގަ ކުރަމުން ޖަބިރު ވިދާޅުވިއެވެ.
ދިވެހި މަސްވެރިން ބާނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދީ މަސްވެރި އާއިލާތައް ބިކަވަމުންދާކަމަށް ވިދާޅުވެ ޑީއާރުޕީގެ ލީޑަރ ޖާބިރު ވަނީ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއްވެސް ހުށައަޅުއްވާފައެވެ. އަދި މާދަމާގެ ޖަލްސާ ބެއްލުވުމަށް ހުރިހާ މަސްވެރިން މަޖިލީހުގެ ޗެމްބަރަށް ވަޑައިގެންދެއްވުމަށް ޖާބިރު ދަޢުވަތު އަރުވާފައިވާއިރު، މި މަސައްކަތަށް ހިތްވަރު ދެއްވުމަށް ވަޑައިގެން ދެއްވުމަށް ޖާބިރު ވަނީ ދަންނަވާފައެވެ.
މީގެ އިތުރުން ކޯވިޑް-19 ގެ މި ހާލަތުގައި ރައީސް ކަންތައް ކުރައްވަމުން ގެންދަވަނީ ކިހިނެތްތޯ ސުވާލު ކުރައްވައި ޖާބިރު ވިދާޅުވެފައި ވަނީ އެތައް ސަތޭކަ ދިވެހިންގެ ވަޒީފާ ގެއްލި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތުގައި މުޅި އުމުރު ހޭދަކުރެއްވި ރައްޔިތުން ބިކަވެފައިވާކަމަށެވެ. އަދި މަސްވެރިންނާއި ދަނޑުވެރިންނަށް ހަމައަގުގައި ވިޔަފާރި ނުކުރެވި، ރާއްޖޭގެ އެންމެހާ ރައްޔިތުން ދަރަނިވެރިވެފައިވާ ކަމަށްވެސް ޖާބިރު ވަނި ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް އަމިއްލަ އަތުން 23 މިލިއަން ޑޮލަރު ހަރަދުކުރެއްވި ކަމަށާއި، އެހެން ނަމަވެސް ކުރެއްވި އުއްމީދާއި، ދެކެވަޑައިގެންނެވި ހުވަފެންތައް ޙާސިލް ވެފައި ނުވާތީ ރައީސް ޞާލިޙް އިސްތިޢުފާ ދެއްވުމަށް ޑީއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު ގޮވާލައްވައި ސިޓީއެއްވެސް މިއަދުވަނީ ފޮނުއްވާފައެވެ.
ރައީސް ޞާލިޙަށް ފޮނުއްވި ސިޓީއެއްގައި ޖާބިރު ވަނީ، ދިވެހި ރައްޔިތުން ރައީސް ޞާލިޙް ވެރިކަމަށް ގެނައީ ނުހަނު އުއްމީދުތަކާއި ހުވަފެންތައް ހާސިލުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައި އެތަކެއް ވައުދުތަކެއް ވެވަޑައިގެން ކަމަށާއި، އެހެން ނަމަވެސް މި ސަރުކާރުން އަމަލުކުރަމުން ދަނީ ރައްޔިތުންނަށްވީ ވައުދުތަކާ ޚިލާފަށް ކަމަށް ވާތީ ރައީސް ޞާލިޙް އިސްތިޢުފާ ދެއްވުމަށް ގޮވާލައްވާފައެވެ.
މީގެއިތުރުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބިދޭސީންގެ ނުރައްކާ ބޮޑުވެ، ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ދަށަށް ދާތީ، ރައީސް ޞާލިޙް ގައުމުގެ އެންމެ އިސް މަގާމުގައި ހުންނެވުމަށް ނުކުޅެދިފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ. އަދި ދިވެހި ރައްޔިތުން ދަންނަވާ ގޮތުންނަމަ މި ސަރުކާރު މިހާރު "ފެއިލް" ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!