ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ މެންޗެސްޓާ ސިޓީ ބަލިކުރުމަށް ފަހު ލިޔޯނުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭ ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު ކުއާޓާ ފައިނަލް މެޗުން ސިޓީގެ މައްޗަށް ލިޔޯނުން ކުރި ހޯދާފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި މެޗުގައި ކުރި ހޯދީ ލިޔޯނުންނެވެ. ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެކްސްވެލް ކޯނެޓެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން ލިޔޯން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ސިޓީން ކުޅެންނުކުމެ ވަނީ މުޅި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. މިގޮތުން އެ ޓީމުންވަނީ މެޗުގެ 69 ވަނަ މިނެޓުގައި ލަނޑުޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ސްޓާލިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރ ކެވިން ޑިބްރޭނާއެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ވުމާއެކު ސިޓީ މި މެޗު ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ހީކުރެވުނު ނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ ހީކުރި ގޮތާ ޚިލާފަށް ލިޔޯން މެޗު ކާމިޔާބު ކޮށްގެންނެވެ. މިގޮތުން މެޗުގެ 79 ވަނަ މިނެޓާއި 87 ވަނަ މިނެޓުގައި ޑެމްބެލޭ ކާމިޔާބު ކުރި ލަނޑުތަކުން މޮޅުވެ 2009-2010 ގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިޔޯނުން ވަނީ ކަށަވަރު ކޮށްފައެވެ.
ލިޔޯނުން ރޭގެ މެޗުން މޮޅުވެ ސެމީފައިނަލުގެ ޖާގަ ކަށަވަރު ކުރިއިރު، ދެން މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޓީމު ތަކަކީ ބަޔާން މިޔުނިކް، ޕީއެސްޖީ އަދި ޖަރުމަނުގެ އާރުބީ ލެއިޕްޒީގެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީ ބައްދަލު ކުރަން ޖެހޭނީ އާރުބީ ލެއިޕްޒީގާއެވެ. އަދި ބަޔާން މިޔުނިކް ބައްދަލު ކުރަން ޖެހޭނީ ލިޔޯންއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!